29 އޯގަސްޓް 2022 - 09:34

އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގައި އިއްޔެ ހަވީރު އުނގޫފާރު ފުޓްބޯޅަ ކުލަބުން 1-0 އިން އަލިފުށީ ރިކްރިއޭޝަން ކްލަބް ބަލިކޮށްފި އެވެ.
އަލިފުށީ ދަނޑުގައި ކުޅުނު މެޗުގައި އުނގޫފާރުން ޖެހި ހަމައެކަނި ލަނޑު 16 ވަނަ މިނިޓުގައި، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅޭ އުޒްބެކިސްތާނު މިޑްފީލްޑަރު އުމަރްޖާނޯވް އަކްރޯރް އެވެ.
އުމަރްޖާނޯވް ވަނީ އުނގޫފާރުން ކުޅުނު ފުރަތަމަ މެޗުގައި ދުވާފަރު ސްޕޯޓްސް ކްލަބު ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. އުނގޫފާރުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ކްލަބް އީގަލްސް އަށް ކުޅުމަށް ފަހު، އުމަރްޖާނޯވް ވަނީ ފަހުން ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވެސް ކުޅެދީފަ އެވެ.
މި ނަތީޖާއާ އެކު މި ގުރޫޕުގައި ހިމެނޭ ތިން ޓީމަށް ވެސް ވަނީ ދެ މެޗު ކުޅެވިފަ އެވެ. ދެ މެޗުން ވެސް ބަލިނުވެ އުނގޫފާރު ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ދުވާފަރަށް ދެ ޕޮއިންޓް ލިބިފައި ވާއިރު، އަލިފުށްޓަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
މިއީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ފަހު ގުރޫޕެވެ. ފުރަތަމަ ތިން ގުރޫޕުގެ ކުޅުން ނިމިފައި ވާއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ދެ ޓީމެއް ވަނީ އަންނަ އަހަރު ފަށާ އެއް ވަނަ ޑިވިޝަނަށް ކޮލިފައި ވެފަ އެވެ.
ރ. އަތޮޅުގެ ޓީމުތައް ހިމެނޭ މި ގުރޫޕުގެ ވެސް އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކާ އެކު، ޖުމްލަ އަށް ޓީމު، ނޯތު ލީގުގެ އެއްވަނަ ޑިވިޝަނުގައި ވާދަކުރާނެ އެވެ.
މި ގްރޫޕުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަލިފުށްޓާއި ދުވާފަރެވެ. މުބާރާތުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި އަލިފުށިން ވަނީ ފަހަތުން އަރައި ދުވާފަރާ އެއްވަރު ކޮށްފަ އެވެ.