28 އޯގަސްޓް 2022 - 15:54

އެތައް ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ އެމްޑީ އަލަމްގީރްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލްކޮށްފި އެވެ.
ޖިންސީ މައްސަލަތަކުގެ ޝަރީއަތް ބާއްވާނީ ސިއްރުން ކަމަށް ވާތީ މި ޝަރީއަތް ވެސް ސިއްރުވާނެ އެވެ. ޝަރީއަތް ތާވަލްކޮށްފައި ވަނީ ހަވީރު 4:00 އަށެވެ. މިއީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ.
ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ ވާއިރު އެ ތިން ދައުވާ އަކީ ވެސް އެއްޖިންސުން ގުޅުން ހިންގުމެވެ. ދައުވާއާ ބެހޭ ތަފްސީލް އެހެން މައްސަލަތަކުގައި ހާމަކުރާ ގޮތަށް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މި މައްސަލާގައި ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ވެސް، އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅާފައި ވާއިރު، އެ ގާނޫނުގެ ދަށުން ކުށް ސާބިތުކުރަން ފަސޭހަވެފައި އަދަބު ބޮޑެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ވެސް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާކޮށްފަ އެވެ. އަލަމްގީރުގެ މައްޗަށް ތިން ދައުވާކޮށްފައިވަނީ ތިން މައްސަލައާ ގުޅިގެންނެވެ.
އަލަމްގީރާ އެކު ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރި ތިން ދިވެހިންގެ ޝަރީއަތް އަދި ތާވަލުކުރި ކަމެއް ނޭނގެ އެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑު މި މައްސަލާގައި އެތައް ބަޔަކު ހިމެނޭއިރު މިހާތަނަށް ޕީޖީއަށް ފޮނުވާފައި ވަނީ މި ހަތަރު މީހުންގެ މައްސަލަ އެވެ.
އަލަމްގީރާ އެކު އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. ފުލުހުން މިހާރު ވެސް ދަނީ ވީޑިއޯތަކުން ފެންނަ އެތައް ބައެއްގެ މައްސަލަ ތަހުގީގުކުރަމުންނެވެ.