28 އޯގަސްޓް 2022 - 16:03

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ އެކްސްޕޯ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ އެންމެ ފޯރި ގަދަ ހަރަކާތް، ކަލިނަރީ ޗެލެންޖު މިއަދު ފަށައިފި އެވެ.

އެ އެކްސްޕޯގެ މެނޭޖިން ޑިރެކްޓަރު އިމްރާން ހަސަން ވިދާޅުވީ، އެ ޗެލެންޖު ކުރިއަށް ގެންދަނީ އެކި ބައިތަކަށް ބަހާލައިގެން، ކަމަށާއި، އެ ޗެލެންޖުގެ ދަންފަޅިއެއް ކޮންމެ ދުވަހަކު ވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މިއަދު އެ ޗެލެންޖު ކުރިއަށް ދާނީ މިރޭ 7:30 އާ ހަމައަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން އަހަރުތަކެކޭ އެއް ފަދައިން މި އަހަރު ވެސް އެންމެ ގިނަ ވާދަވެރިން ހިމެނެނީ ކަލިނަރީ ޗެލެންޖުގައި ކަމަށް އިމްރާން ވިދާޅުވި އެވެ. މި ޗެލެންޖުގައ 500 އަށް ވުރެ ގިނަ ޝެފުން މި ފަހަރު ވާދަކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަލިނަރީ ޗެލެންޖުގައި މި އަހަރު އާ ކެޓަގަރީއެއް ވެސް ވަނީ ހިމަނައިފަ އެވެ. އެ ކެޓަގަރީ އަކީ "ބެސްޓް އެސްޓެބްލިޝްމެންޓް" ކެޓަގަރީ އެވެ. އެ ކެޓަގަރީގައި 11 ރިސޯޓަކުން ވާދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ ވެސް އެ ޗެލެންޖުގެ މެއިން ސްޕޮންސަރަކީ ނެސްލޭ އިންޓަނޭޝަނަލް އެވެ. އެ ޗެލެންޖުގެ އެންމެ މޮޅު ޝެފުގެ މަގާމު ކާމިޔާބުކުރާ ޝެފަށް 100،0 ޑޮލަރުގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން، ކެއްކުމާ ގުޅުން ހުރި ބައިނަލްއަގުވާމީ އެކި ޓްރެއިނިން ރާއްޖެއިން ބޭރުން ހެދުމުގެ ފުރުސަތު ވެސް ވަނަވަނަ އަށް ދާ ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ޗެލެންޖާ ގުޅޭ ގޮތުން ޝެފް ގިލްޑްސް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ، މި އަހަރުގެ ޗެލެންޖުގައި ޝެފްކަން ކިޔަވަމުންދާ ދިވެހި ގިނަ ދަރިވަރުންތަކެއްގެ ހުނަރު މި ފަހަރުގެ ޗެލެންޖުގައި ފެންނަ ކަމަށެވެ. އަދި މި ފަހަރުގެ ޗެލެންޖުގެ ޖަޖިން ޕެނަލުގައި އިންޓަނޭޝަނަލް ޖަޖުންނާ އެކު ދިވެހި ގިނަ ޝެފުންތަކަކަށް ޖަޖުކުރަން ތިބި ކަން ވެސް ފާހަގަ ކުރެއްވި އެވެ.
އެފްއެޗްއޭއެމްގެ ކަލިނަރީ ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ޝެފުންނަށް އަމާޒުކޮށް މި ދިޔަ މަހު ވަނީ ހާއްސަ ވޯކްޝޮޕެއް ވެސް ބާއްވައިފަ އެވެ. އެ ވޯކުޝޮޕްގައި 29 ރިސޯޓަކުން 75 ޝެފުން ވަނީ ބައިވެރިވެފަ އެވެ.
ކަލިނަރީ ޗެލެންޖުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ޝެފުންތަކެއް ދަނީ ވާދަކުރަމުންނެވެ. އެ ޗެލެންޖަކީ އެންމެ މާސްޓާ ޝެފް ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެ ޗެލެންޖުގެ މާސްޓާ ޝެފް ހޮވާނީ އަންގާރަ ދުވަހުގެ ދަންފަޅީގަ އެވެ.