28 އޯގަސްޓް 2022 - 16:06

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ވިއްސާރަކުރާނެ ކަމަށާއި އަދި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އަންނަ ހޮނިހިރު ހިސާބުގައި ވިއްސާރަ މަޑުޖެހޭނެ ކަމަށް ލަފާކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ވިއްސާރަވެ، ކަނޑުތައް ގަދަވާނެތީ މެޓް އޮފީހުން މިއަދު ވަނީ ހއ. އިން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.