މަރުވެފައިވާ މީހާ ތަހުގީގަށް ހާޒިރުވާން އެންގުނު މައްސަލައިގައި ފުލުހުން މާފަށް އެދިއްޖެ
މަރުވެފައިވާ މީހާ ތަހުގީގަށް ހާޒިރުވާން އެންގުނު މައްސަލައިގައި ފުލުހުން މާފަށް އެދިއްޖެ

މީގެ އެއް އަހަރު ކުރިން މަރުވެފައިވާ މީހަކު ތަހުގީގަށް ހާޒިރުވާން އެންގުނީ އިދާރީ އޮޅުމަކުން ކަމަށް ބުނެ، އެ މައްސަލައިގައި ފުލުހުން މިއަދު މާފަށް އެދިއްޖެ އެވެ.

ފުލުންގެ އިދާރާ އިން ކުރި އިއުލާނެއްގައި ވަނީ ފޯނުން ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް، އދ. ދަނގެތި، ފެހިވިލާ، ޝަކުލުﷲ އަލީ 41، ތަހުގީގަށް ހާޒިރުވާން އަންގައިފަ އެވެ.

އޭނާ އުޅޭ ތަނެއް ނޭނގޭތީ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުންގެ އިއުލާނުގައި ވެ އެވެ.

ނަމަވެސް، ޝަކުލުﷲ ހޯދަން އިއުލާނުކުރިއިރު، އޭނާ ވަނީ ކޮވިޑް ޖެހިގެން ޖޫން 19، 2021 ގައި މަރުވެފަ އެވެ.

އޭނާ ހޯދާ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ މީގެ ދެ އަހަރު ކުރިން ޖުލައި 27، 2020 ގަ އެވެ.

ޝަކުލުﷲ މަރުވެ، އެތައް ދުވަހެއް ވެފައި ވަނިކޮށް، އޭނާ ހޯދަން ފުލުހުން ކުރި އިއުލާނާއެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން މިއަދު ވަނީ އެ އިއުލާނު ޑިލީޓް ކޮށްލައިފަ އެވެ.

އެ އިއުލާން ޑިލީޓް ކުރުމަށް ފަހު، ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، ޝަކުލުﷲ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރީ އިދާރީ އޮޅުމަކުން ކަމަށެވެ.

އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅައި، އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން ވެސް އެ އިދާރާއިން ދިނެވެ.

"މި ފުރުސަތުގައި ނިޔާވެފައިވާ މީހާގެ އާއިލާ އާއި އާއްމުންގެ ކިބައިން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،" ޓްވީޓުގައި ބުންޏެވެ.

ރާއްޖޭގައި މަރުވާ މީހުންގެ މައުލޫމާތު ސައްހަކަމާ އެކު ނުބެލެހެއްޓުމުގެ މައްސަލަ ބޮޑެވެ. އެކަން އެންމެ ބޮޑަށް އެނގެނީ އިންތިހާބުތަކުގައި ނެރޭ ވޯޓާސް ލިސްޓުގައި ވެސް އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހުންނާތީ އެވެ.