ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް
ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް

ވެރިރަށް މާލޭގެ މަގުތައް ތޮއްޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މާލެ އަށް ނުތަކާ ވަރަށް އެއްގަމު އުޅަނދު ގެންގުޅުމެވެ. މި ކަން ހައްލު ކުރުމަށް ކިތަންމެ ގަވާއިދުތަކެއް ހަދާފައި އެބަ ހުއްޓެވެ. ބިދޭސީންގެ އާބާދީ މަދުކުރުމަށް ގަވާއިދުތަކާއި އުސޫލުތައް ހަދާފައިވާ ފަދައިންނެވެ. އެކަމަކު މައްސަލަ ހައްލު ނުވެ ދުވަހުން ދުވަހަށް ދަނީ ގޯސް ވަމުންނެވެ.

ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް
ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާ ބުނާ ގޮތުން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ، އިންޖީނު އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ނަމަ އެވެ. އަދި އެފަދަ އުޅަނދެއް ރާއްޖެ އަށް އެތެރެ ކުރެވޭނީ ވެސް އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ނަމަ އެވެ. އަދި އެއީ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ގަރާޖަކަށް ވާން ޖެހެ އެވެ.

ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް
ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް

އެހެންކަމުން މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް އެޅި އެއް ފިޔަވަޅަކީ މާލޭގައި ބޭނުންކުރާ، ހަތަރު ފުރޮޅުލީ ކޮންމެ އުޅަނދަކަށް ގަރާޖެއް ހުންނަން ޖެހޭ ގޮތަށް ހަމަޖެއްސުމެވެ. އެއީ އެ އުޅަނދެއް ބޭނުން ނުކުރާ ވަގުތުގައި މަގު މަތީގައި ބޭއްވިޔަ ނުދިނުމަށްޓަކަ އެވެ.

ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް
ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް

ސަރުކާރުން އޭރު އެ އުސޫލަށް ގަވާއިދު ހެދީ، މާލެ އަށް މީހުން ހިޖުރަ ކުރަމުންދާ ނިސްބަތަށާއި، މާލޭގައި ދިރިއުޅޭ މީހުން އެއްގަމު އުޅަނދު ގެންގުޅުމަށް އަންނަމުން ދިޔަ ބޮޑު ބަދަލުގެ ސަބަބުން، ކައިރި ކުރިމަގެއްގައި މުޅި މާލެ ތޮއްޖެހޭނެ ކަމަށް އަންދާޒާ ކުރެވުމުންނެވެ. ނަމަވެސް ގަވާއިދު އޮތީ ހަމައެކަނި ގެޒެޓްގަ އެވެ.

ގަވާއިދުގައި މިހާ ސާފުކޮށް މިކަން އޮތް އިރު، މާލޭގެ މަގުތަކަށް ގިނަވެގެން މި އުޅެނީ ކޮންހާ އެއްގަމު އުޅަނދުތަކެއް ބާވަ އެވެ؟ ސައިކަލްތަކުގެ ވާހަކަ ބާއްވާފައި ކާރުތަކާއި ލޮރީތަކާއި ޕިކަޕްތަކާއި ފޯކްލިފްޓާއި ކެރޭނާއި އެ ނޫން އުޅަނދުތަކަށް ވިސްނައިލާށެވެ! ގައިމު ވެސް، އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ކޮށްދެނީ ގަވާއިދުގައިވާ ގޮތަށް ނަމަ، ޕާކިން ޒޯންތައް ފުރި ތޮއްޖެހިގެން ނުވާނެ އެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ދެ ގޮތަކަށް އަމަލު ކުރެވެ އެވެ. ފަހަރެއްގައި މި ނޫން ކިތަންމެ ގޮތެއް ވެސް އޮވެދާނެ އެވެ. އެކަން ތަޖުރިބާ ކުރި މީހުންނަށް އެނގޭނެ އެވެ.

މުހައްމަދު ހުސައިން (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި އޭނާ ދުއްވަން ގަތް ޕިކަޕެއް ރަޖިސްޓްރީ ކުރެވުނީ ހީނުކުރާހާ ފަސޭހަ ގޮތަކަށެވެ. ނަމަވެސް ޖީބަށް ފިސާރި ބަރުވި އެވެ.

"އަޅުގަނޑު ރަޖިސްޓްރީ ކުރަންވެގެން ބެލި އިރު، ގަރާޖެއް ހުންނަން ޖެހޭ. އަޅުގަނޑު އަތަކު ނެތް ގަރާޖެއް. ދެން އަޅުގަނޑު ކުރި ކަމަކީ، އެކަން ކޮށްދީ އުޅޭ މީހެއް (އޭޖެންޓެއް) ހޯދާފައި އޭނާއާ ހަވާލުކުރީ. އޭނާ ބުނީ ދޭށޭ އައިޑީ ކާޑާއި ޕިކަޕްގެ ލިޔުންތަކާއި 35،000ރ. އަޅުގަނޑު އެ ލިޔުންތަކާ ފައިސާ ދިނީމާ، އެ މީހުން ބުނި ދުވަހު މިނިސްޓްރީ އަށް ދިޔައިމަ އަޅުގަނޑު އަތަށް ލިބުނު ރަޖިސްޓްރީ،" މުހައްމަދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޕިކަޕް ރަޖިސްޓްރީ ކޮށްދިން މީހުން، ޕިކަޕްގެ ގަރާޖެއްގެ ގޮތުގައި ޖެހީ ކޮން ތަނެއް ކަމެއް އަދި އަދަށް ދާންދެން ވެސް ނޭނގެ އެވެ.

"އަޅުގަނޑަކަށް ނޭނގެ އެ ގަރާޖު ހުންނަނީ ކޮން ތަނެއްގައި ކަމެއް ވެސް. އަދި އެއީ ހުންނަ ގަރާޖެއް ކަމެއް ވެސް ނޭނގެ. ރަޖިސްޓްރީ ކޮށްދިން މީހުން ވެސް އަޅުގަނޑަކަށް އެ ގަރާޖެއް ނުދައްކާ. އަޅުގަނޑުގެ ޕިކަޕް މި ބާއްވަނީ އެހެން މީހުން ވެސް ހަދާ ގޮތަށް، މަގުމަތިން ފަސޭހަ އިން ޖާގަ ލިބޭ ޕާކިން ޒޯނެއްގައި،" އޭނާ ބުންޏެވެ.

ނަމަވެސް އަބްދުއްރަޝީދު ކިޔައިދިން ގޮތުގައި އޭޖެންޓަކާ ނުގުޅި އަމިއްލަ އަށް ކާރެއް ރަޖިސްޓްރީ ކުރަން އުޅުމުން ކުރަން ޖެހުނީ މުޅިން ތަފާތު ތަޖުރިބާއެކެވެ.

"އަޅުގަނޑު ކާރު ރަޖިސްޓްރީ ކުރަން ލިޔުންތައް ހުށަހެޅީމަ ޓްރާންސްޕޯޓް އޮތޯރިޓީން ބޭނުންވި އަޅުގަނޑުމެންގެ ގަރާޖު ބަލަން. ދެން އެ މީހުން އައިސް ބެލި އިރު، އެ ގަރާޖަކީ ކުރިން ވެސް އެހެން ކާރެއް ބާއްވަން ރަޖިސްޓްރީ ކޮށްފައި އޮތް ތަނެއް،" އަބްދުއްރަޝީދު ބުންޏެވެ.

"އެހެންވެ އެ ގަރާޖުގައި ޖާގަ ނެތީމާ އެ މީހުން ބުނީ، އެހެން ތަނެއް ހޯދީމައޭ ރަޖިސްޓްރީ ކުރެވޭނީ. ދެން އަޅުގަނޑު އެހެން ގެއަކުން ތަނެއް ހޯދައިގެން ލިޔުން ހުށަހެޅީމާ ރަޖިސްޓްރީ ކުރެވުނީ."

އެއާ ޚިލާފަށް އޭޖެންޓަކު މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ހުށަހެޅި މުހައްމަދު ބުނި ގޮތުގައި އޭނާގެ ގަރާޖާ ބެހޭ ގޮތުން އެ އޮތޯރިޓީން އޭނާއާ އެއްވެސް ސުވާލެއް ނުކުރެ އެވެ.

"ގައިމު ވެސް އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރީ ކުރަން ފޯމް ފުރާފައި އެ ތަނަށް ހުށަހެޅި. ހަމަ ގައިމު ވެސް އަޅުގަނޑުގެ ޕިކަޕް ރަޖިސްޓްރީ ކޮށްދިން އިރު، އެ އޮތޯރިޓީން އަޅުގަނޑަކާ އެންމެ ސުވާލެއް ވެސް ކޮށްނުލާ. ގަރާޖް ހުންނަނީ ކޮން ތަނެއްގައިތޯ ވެސް ނާހާ،" އޭނާ ބުންޏެވެ.

"އެ މީހުންނަށް ގަރާޖް ދައްކާކަށް ވެސް ނާންގާ. އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރީ ކުރަން ހުށަހަޅާ ޕިކަޕެއް ބާއްވަނީ ކޮން ކަހަލަ ގަރާޖެއްގައި ކަން އޮޅުންފިލުވަން ބޭނުމިއްޔާ އަޅުގަނޑާތާ އެ މީހުން ސުވާލު ކުރަން ޖެހޭނީ. ދެން އެ އޭޖެންޓާ ސުވާލު ނުކުރާ ކަމެއް ނޭނގޭ. އެކަމަކު އޭޖެންޓެއް ނޫންތާ ޒިންމާ ވާނީކީ،"

ރާއްޖެ އަށް އެއްގަމު އުޅަނދު އެތެރެ ކުރަނީ އަދި ސަރުކާރުން އެ ތަކެތި ރަޖިސްޓްރީ ކޮށްދެނީ ސަރުކާރުން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ނަމަ، ހަމަ ގައިމު ވެސް މާލޭގެ މަގުތައް ފުރެންދެން އެއްގަމު އުޅަނދުތައް ގިނަވެފައެއް ނޯންނާނެ އެވެ. މާލޭގައި، ހަތަރު ފުރޮޅު ލީ އުޅަނދު ބޭނުންކުރާ ބައެއް މީހުންނާ ވާހަކަ ދައްކައިލުމުން އެނގުނު ގޮތުގައި އެންމެ ކާރެއް ބޭއްވޭ ވަރުގެ ގަރާޖްތައް، އެތައް އުޅަނދަކަށް ރަޖިސްޓްރީ ކޮށްފައި އެބަ ހުއްޓެވެ.

އޭގެ އިތުރުން ބައެއް އުޅަނދުތައް ރަޖިސްޓްރީ ކުރުމަށްޓަކައި ގަރާޖްގެ ގޮތުގައި ކޮންމެވެސް ގެއަކުން ތަންކޮޅެއް ދައްކައިލަނީ އެވެ. އަދި ރަޖިސްޓްރީކޮށް ނިމުމުން އެ ބިންކޮޅުގައި ކުރަނީ ކޮންމެވެސް އެހެން ބޭނުމެކެވެ.

ގަވާއިދުތައް ކިތަންމެ ވަރަކަށް ހެދިޔަސް، އެ ގަވާއިދުތަކަށް އަމަލު ނުކުރާ ނަމަ، މައްސަލަތައް ހައްލު ވުމުގެ ބަދަލުގައި ވާނީ އިތުރެވެ. އާންމު ރައްޔިތުންނަށް ބޭނުންކުރާ އުޅަނދުތައް މަގުތަކުގެ އެތަން މިތަނުގައި ޕާކް ކުރަނީ އެ ތަކެތި ޕާކް ކުރާނެ ޖާގަ ނެތުމުންނެވެ. ގަވާއިދާ ޚިލާފަށް ޕާކް ކޮށްގެން އުޅަނދުގައި ސްޓިކާ ޖަހާ ނަމަ، ގަރާޖެއް ނެތި އުޅަނދު ރަޖިސްޓްރީ ކޮށްދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ވެސް އޮންނަން ޖެހެ އެވެ.