100 އަށް ވުރެ ގިނަ ސްޓޯލާ އެކު އެންމެ ބޮޑު އެކްސްޕޯ ފަށައިފި
100 އަށް ވުރެ ގިނަ ސްޓޯލާ އެކު އެންމެ ބޮޑު އެކްސްޕޯ ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެސްކްޕޯ، ފުޑް އެންޑް ހޮސްޕިޓައިލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) މިއަދު ހެނދުނު ފަށައިފި އެވެ.

100 އަށް ވުރެ ގިނަ ސްޓޯލާ އެކު އެންމެ ބޮޑު އެކްސްޕޯ ފަށައިފި
100 އަށް ވުރެ ގިނަ ސްޓޯލާ އެކު އެންމެ ބޮޑު އެކްސްޕޯ ފަށައިފި

އެ އެކްސްޕޯ ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ އެކްސްޕޯ ހުޅުއްވައިދެއްވުމަށް ފަހު އެ މަނިކުފާނު ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެ ސްޓޯލުތައް ބައްލަވާލައްވައިފަ އެވެ. އަދި އެކި ސްޓޯލުތަކުގައި ހުރި ޕްރޮޑަކްޓުތައް ބައްލަވާލައްވައި، ސްޓޯލުތަކުގެ އޮފިޝަލުން ވަނީ އެ ޕްރޮޑަކްޓުތަކުގެ މައުލޫމާތުތައް އެ މަނިކުފާނާ ހިއްސާ ކުރެއްވި އެވެ.

މި އަހަރުގެ ހޮސްޕިޓަލިޓީ އެކްސްޕޯގައި ޖުމްލަ 81 ކުންފުންޏަކުން ބައިވެރިވި އެވެ. އަދި އެ އެކްސްޕޯގައި 102 ސްޓޯލުގައި ތަފާތު ގިނަ ޕްރޮޑަކްޓް ދައްކާލަން ވަނީ ބަހައްޓައިފަ އެވެ. އެ އެކްސްޕޯގައި އެކި ކުންފުނިތަކުން، އެ ކުންފުނިތަކުގެ ސާމްޕަލްތައް ރަހަ ބަލާ ޓެސްޓު ކުރުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށި އެ އެކްސްޕޯ ހިމެނޭ ސަރަހައްދު ވަނީ އޭސީ ކޮށްފަ އެވެ. އިވެންޓުގެ މެނޭޖިން ޑިރެކްޓަރު އިމްރާން ހަސަން ވިދާޅުވީ، އެގްޒިބިޝަން އަށް ބޮޑު އައުޓްޑޯ އޭރިއާއެއް، އިންޑޯ އޭރިއާއަކަށް ވަރަށް ފުރިހަމަ އަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އެ އެގްޒިބިޝަން އަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާއްމުންގެ ގިނަ ބަޔަކު އެގްޒިބިޝަނަށް ޒިޔާރަތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެފްއެޗްއޭއެމް އަކީ ގިނަ ޗެލެންޖުތަކަކާ އެކު އިންތިޒާމުކޮށްފައިވާ އެކްސްޕޯއެކެވެ. އެގޮތުން އެ އެކްސްޕޯގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޗެލެންޖު، ކަލިނަރީ ޗެލެންޖު މިހާރު ވަނީ ފަށައިފަ އެވެ. އެ ޗެލެންޖު ކުރިއަށް ދާނީ އެކި ބައިބަޔަށް ބަހައިގެންނެވެ. އެ ޗެލެންޖުގައި ރާއްޖޭގެ ގިނަ ހުނަރުވެރި ޝެފުންތަކެއް ވާދަ ކުރާނެ ކަމަށް ޝެފް ގިލްޑްސް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވި އެވެ. އަދި މި އަހަރުގެ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ ގިނަ ޝެފުން "ރުކީ" ޖަޖުންގެ ގޮތުގައި ހިމެނޭ ކަން ވެސް ފާހަގަ ކުރެއްވި އެވެ.

އެ އެކްސްޕޯގައި ވާދަވެރި ބަރިސްތާ ޗެލެންޖަކާއި ހައުސްކީޕިން ޗެލެންޖެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކްސްޕޯ ކުރިއަށް ދާނީ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 10އިން ރޭގަނޑު އަށަކަށެވެ.