ޕޮލިހަށް ހާޒިރުވާން އިއުލާނުކުރި އިރު މީހާ މަރުވިތާ އަހަރެއް
ޕޮލިހަށް ހާޒިރުވާން އިއުލާނުކުރި އިރު މީހާ މަރުވިތާ އަހަރެއް

މީގެ އެއް އަހަރު ކުރިން މަރުވެފައިވާ މީހަކު، ތަހުގީގަށް ހާޒިރުވާން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި އޮތީ އދ. ދަނގެތި، ފެހިވިލާ، ޝަކުލުﷲ އަލީ، 41، ހާޒިރުކުރަނީ ފޯނުން ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

އޭނާ އުޅޭ ތަނެއް ނޭނގޭތީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، އޭނާ ވަނީ ކޮވިޑްގައި ޖޫން 19، 2021 ގައި މަރުވެފަ އެވެ.

މީހަކު ކުރި ޓްވީޓެއްގައި ބުނީ ޝަކުލުﷲ ހޯދަނީ މީގެ ދެ އަހަރު ކުރިން ޖުލައި 27، 2020 ގައި ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. ތަހުގީގަށް މީހަކު ހޯދަން އުޅުން އެހާ ލަސްވުމުންނާއި އަދި މީހާ މަރުވި ފަހުން އިއުލާނުކުރުމުން އެ ޕޯސްޓްގައި ވަނީ ފާޑުކިޔައިފަ އެވެ.

ޝަކުލުﷲގެ ކަށުނަމާދަށް އިއުލާނުކޮށް މިދިޔަ އަހަރު ކޮށްފައިިވާ ޕޯސްޓާއި ފުލުހުންގެ އިއުލާނުގެ ސްކްރީންޝޮޓާ އެކު ޓްވީޓްކޮށް ފާޑުކިޔާފައި ވާއިރު ފުލުހުން މިހާރު ވަނީ އިއުލާނު ޑިލީޓްކޮށްފަ އެވެ.

ރާއްޖޭގައި މަރުވާ މީހުންގެ މައުލޫމާތު ސައްހަކަމާ އެކު ނުބެލެހެއްޓުމުގެ މައްސަލަ ބޮޑެވެ. އެކަން އެންމެ ބޮޑަށް އެނގެނީ އިންތިހާބުތަކުގައި ނެރޭ ވޯޓާސް ލިސްޓުގައި ވެސް އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހުންނާތީ އެވެ.