28 އޯގަސްޓް 2022 - 12:33

ކ. ކާށިދޫގައި ހުންނަ އަތޮޅު މަދަރުސާގައި އަލަށް ހެދި އިމާރާތް ބޭނުންކުރަން ފަށައި، އެ ތަނުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭޕްރީލް 2، 2019 ގައި ބިންގާ އެޅި 16 ކްލާސްރޫމް ނިމުމުން، ސަރުކާރުގެ ތައުލީމީ މުހިއްމު ސިޔާސަތާ އެއްގޮތަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.
މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅި އަށް ބަދަލުކުރުމެވެ. އެކަން ހާސިލްކުރުމަށް މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައި އަންނަނީ ކްލާސްރޫމްތައް އިމާރާތް ކުރަމުންނެވެ.
ކާށިދޫގައި 16 ކްލާސްރޫމް އިމާރާތްކުރަން ޑަބްލިއު އެންޑް އޭ އޯވާސީސް ޕީޓީއީ ކުންފުންޏާ ހަވާލުކުރީ 35 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ނިންމަން ހަވާލުކުރީ އެއް އަހަރުގެ ތެރޭގަ އެވެ.
އެއްބަސްވުމުގެ ދަށުން މަލްޓި ޕާޕަސް ހޯލަކާއި އިލެކްޓްރިކަލް ރޫމާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ދެ ފާހަނާ އަދި ތިން ރޭމްޕް ވަނީ ހަދައިފަ އެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 10 އަށް ކިޔަވައިދޭ ސްކޫލުގައި 500 އެއްހާ ދަރިވަރުން ކިޔަވަ އެވެ.