ވައްކަން ގިނަވެ އައްޑޫ ރައްޔިތުން ބިރުވެރިކަމެއްގައި
ވައްކަން ގިނަވެ އައްޑޫ ރައްޔިތުން ބިރުވެރިކަމެއްގައި

ކޮންމެ ރެއަކު އައްޑޫގެ ފިހާރަތަކާއި ގެތަކުން ވައްކަންކުރަމުންދާއިރު ވެސް އެކަމާ ގުޅިގެން ފިޔަވަޅު ނާޅާ ކަމަށް ބުނެ ބައެއް އާންމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ވައްކަން ގިނަވެ އައްޑޫ ރައްޔިތުން ބިރުވެރިކަމެއްގައި
ވައްކަން ގިނަވެ އައްޑޫ ރައްޔިތުން ބިރުވެރިކަމެއްގައި

އައްޑޫގައި ވައްކަންކުރުން ދާދިފަހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. ވަކިން ހާއްސަކޮށް ހިތަދޫގައި ގެތަކާއި ފިހާރަތައް ފަޅާލައި، ކޮންމެ ރެއަކުހެން ވައްކަން ކުރަމުން އަންނަ ކަމަށް، ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އައްޑޫގައި ފުލުހުން ތިއްބި ނަމަވެސް އެ މައްސަލަތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށެވެ.

"ތަންތަނުގައި ހުންނަ އޭސީތަކާއި ކޮމްޕިއުޓަރުތައް ކަހަލަ އަގު ބޮޑެތި އެއްޗެހި ވަގަށް ނަގާ މައްސަލަ އެބަ އުޅޭ. އެކަމަކު ފުލުހުން ތިއްބަސް މިކަން ރަނގަޅުކުރަން އެހާ މަސައްކަތެއް ނުކުރެވޭ،" މައްސަލަތައް ހައްލުނުވާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކައުންސިލުން މިދިޔަ ހަފްތާގެ ތެރޭގައި މާލެއަށް ކުރި ދަތުރުގައި ވެސް އެ މައްސަލަތަކާ ގުޅިގެން ރައީސް އާއި ނައިބް ރައީސްއާ ވެސް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ކުރިން ފުލުހުންނާ ބައްދަލުކުރުމުން އެކަށީގެންވާ ވަރަށް ވެހިކަލް ނުހުންނަ މައްސަލަ ހިއްސާކޮށްފައިވާތީ އެކަން ވެސް ސަމާލުކަމަށް ގެންނެވި ކަމަށް ސައީދު ވިދާޅުވި އެވެ.

".ހޯމް މިނިސްޓްރީއާ ވެސް ބައްދަލުކުރިން. އެކަމަކު މީގެ ކުރިން ވެސް ހޯމް މިނިސްޓްރީގައި ވާނީ ދަންނަވާފައި ޕޮލިހުންގެ އެކަށީގެންވާ ވަރަށް ވެހިކަލް ނެހުރެއޭ. އެކަމަކު އެކަމަށް މާބޮޑު އިޖާބައެއް ނުދޭ،"

ސައީދު ވިދާޅުވި ގޮތުގައި ހިތަދޫ ޕެޓްރޯލްކުޅުމުގައި އުޅެނީ ހަތަރު ވަރަކަށް ފުލުހުންނެވެ.

މާލެއަށް ފަހު އެންމެ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ އެކި ރަށްތަކުގައި ވައްކަން އިތުރުވަމުންދާއިރު އެކަމާ ގުޅިގެން ފިޔަވަޅު ނޭޅޭ މައްސަލާގައި ރައްޔިތުން ވަނީ ފުލުހުންނާއި ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ވައްކަމުގެ މައްސަލައެއް ފެންމަތިކޮށް ސޯޝަލް މީޑިއާގައި މީހަކު ބުނީ އިއްޔެ ރޭ ބަޔަކު އެ ގެއަށް ވަދެ ވައްކަންކޮށްފައިވާ ކަމަށާއި އެކަމަކީ އައްޑޫގައި އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. ވައްކަންކުރަނީ ކޮން ބައެއްކަން ފުލުހުނަށް އެނގޭއިރު ފިޔަވަޅު ނޭޅެންވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ފުލުހުން ޓެގްކޮށް ކުރި އެ ޓްވީޓުގައި ވަނީ ރައްޔިތުން ނިކުމެ، ވަގުންނަށް ހަމަލާއެއް ނުދެނީސް އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް އެދިފަ އެވެ.

ރައްޔިތުންގެ އަގު ބޮޑު މުދާ ވަގަށް ނެގުން ހުއްޓުވައިދޭން ކަމާ ބެހޭ މުވައްސަަސާތަކުގައި އައްޑޫ ރައްޔިތުން އާދޭސްކުރާއިރު ބައެއް މީހުން ބުނެފައިވާ ގޮތުގައި ދަނޑުތަކަށް ވަދެ އެތަންތަނުން ވެސް ދަނީ ވައްކަން ކުރަމުންނެެވެ. އަދި ލެޕްޓޮޕާއި އޭސީތަކާއި ގޭތަކުގައި ހުންނަ ތެލިތައް ވެސް ވަގަށް ނަގައި ކިރަމުންދާ ކަމަށްވެ އެވެ.

އައްޑޫގެ އަމާންކަން ގެއްލި، ވައްކަން އިތުރުވުމުގެ ސަބަބުން ރޭގަނޑު ހަމަނިދި ނުލިބޭ ކަމަށް ބުނެ މީހުން ވަނީ ޝަކުވާތައް ބަންޑުންކޮށްލައިފަ އެވެ.

މިދިޔަ ދެ ހަފްތާއެއްހާ ދުވަހު އައްޑޫން ރިޕޯޓްކުރީ ކިހާ ވައްކަމުގެ މައްސަލަތަކެއް ކަމެއް ސާފެއް ނުވެ އެެވެ.

އެ މައްސަަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.