28 އޯގަސްޓް 2022 - 07:44

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު އިންޑިއާ އަށް ވަޑައިގަންނަވާނެ އެވެ.
ޝާހިދުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މިއަދާއި މާދަމާ އިންޑިއާގައި ޝާހިދު ހުންނަވާ ގޮތަށް ހަމަޖެހިފައި ވާއިރު އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި މިއީ އދ.ގައި މިހާރު ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ދަތުރެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޝާހިދުގެ ދަތުރުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންޚަރް އަދި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލުކުރައްވައި އދ.ގައި އިންޑިއާގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ތިން ބޭފުޅަކާ އެކު ކުރައްވާ ދަތުރަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުން ކަމަށެވެ.
ޝާހިދު، އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުކުރި އެއް އަހަރުގެ ދައުރު އަންނަ މަހު ނިމޭނެ އެވެ.
ޝާހިދު އިންޑިއާ އަށް މި ވަޑައިގަންނަވަނީ ކުވައިތަށް ކުރެއްވި ދަތުރަށް ފަހު ތަޖިކިސްތާނަށް ވަޑައިގެން އެ ގައުމުންނެވެ.