ފުލަމް ބަލިކޮށް އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ފުލަމް ބަލިކޮށް އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ލަންޑަން (އޮގަސްޓް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު ހަތަރު ވަނަ މެޗުގައި ފަހު ވަގުތު ޖެހި ލަނޑާ އެކު ފަހަތުން އަރައި 2-1 އިން ފުލަމް ބަލިކޮށް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

މިކެލް އާޓެޓާގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅޭ އާސެނަލް އޮތީ 12 ޕޮއިންޓާ އެކު، ތާވަލުގެ އެއް ވަނައިގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދެ އެވެ.

އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މަނގަޅޭސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފުލަމް އިން ލީޑު 56 ވަނަ މިނިޓުގައި ފޯވާޑް އަލެކްޒެންޑާ މިޓްރޮވިޗް ޖެހި ލަނޑުންނެވެ،

ފުލަމް އިން ލަނޑު ޖެހުމުގެ ކުރިން އާސެނަލް އަށް ވަނީ ލީޑު ނަގަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. ނަމަވެސް ކެޕްޓަން މާޓިން އޮޑެގާޑާއި، ބުޔަކޯ ސަކާ އަދި ގެބްރިއެލް މާޓިނެލީ އާއި ގެބްރިއެލް ޖީސަސް އަށް ވެސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

މިޓްރޮވިޗް ފުލަމް އަށް ލީޑު ނަގައިދިނުމުން އާސެނަލް އިން އެ ޓީމުގެ ފުލްބެކް ކީރެން ޓިއާނީގެ ބަދަލުގައި ޒުވާން ސްޓްރައިކަރު އެޑީ ކެޓިއާ ކުޅެން އެރުވައި އެޓީމުގެ ފުރަތަމަ ބަދަލު ގެނަ އެވެ. އޭނާ ކުޅެން ނުކުތްތާ މާ ގިނައިރެއް ނުވެ 64 ވަނަ މިނިޓުގައި ސަކާގެ އެހީތެރިކަމާ އެކު އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮޑެގާޑެވެ. އަދި މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް އާސެނަލް މޮޅުކޮށްދިނީ، ލިބުނު ކޯނަރެއްގައި ވިލިއަމް ސަލީބާގެ އެހީތެރިކަމާ އެކު ޑިފެންޑަރު ގެބްރިއެލް އެވެ.

މެޗުގެ އިތުރު ވަގުތުގައި ފުލަމް އަށް ކުޅޭ ނަތަނިއެލް ޗަލޮބާ ނަތީޖާ އެއްވަރުކުރަން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އެހެން ނަމަވެސް އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ އެ ހަމަލާ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ.

މި މެޗުގައި ފުލަމްގެ ގޯލު ބެލެހެއްޓީ، މި ސީޒަނުގައި 8 މިލިއަން ޕައުންޑަށް އާސެނަލް ދޫކޮށް އެ ޓީމަށް ބަދަލުވި ޖަރުމަންގެ ގޯލްކީޕަރު ބާން ލެނޯ އެވެ. މިއީ އޭނާ ފުލަމްގެ ޖޯޒީގައި ކުޅުނު ދެވަނަ މެޗެވެ.

މިއީ އާސެނަލް އިން ލީގުގައި ފުރަތަމަ ހަތަރު މެޗު ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ފުރަތަމަ ހަތަރު މެޗުން މޮޅުވީ 2003/2004 އަދި 2004/2005 ސީޒަނުގަ އެވެ. މީގެ ތެރެއިން ފުރަަތަމަ ފަހަރު މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި އެވެ. އަނެއް ފަހަރު ލިބުނީ ލީގުގެ ދެ ވަނަ އެވެ.

ލީގުގައި ރޭ ބްރައިޓަން އިން ވަނީ 1-0 އިން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މިއާ އެކު ބްރައިޓަން ވެސް ވަނީ ލީގުގައި އެ ޓީމުން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ހޯދި މޮޅަށް ފަހު ދެ ވަނަ މެޗުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް ޕޮއިންޓަކުން ފުއްދާލަން ޖެހުނަސް، ތިންވަނަ މެޗުގައި އެ ޓީމުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރި އެވެ.

ފްރޭންކް ލަމްޕާޑުގެ ކޯޗުކަމުގައި ކުޅޭ އެވަޓަން އަށް ރޭގެ މެޗު ނިންމާލަން ޖެހުނީ ބްރެންޓްފޯޑާ ވާދަކޮށް 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ 24 ވަނަ މިނިޓުގައި އެވަޓަން އިން ލީޑު ނެގީ ޗެލްސީ އިން ގެންދަން މަސައްކަތްކުރަމުން އަންނަ ޒުވާން މިޑްފީލްޑަރު އެންތަނީ ގޯޑޮން ޖެހި ލަނޑަކުންނެވެ. ބްރެންޓްފޯޑަށް މެޗުގެ 84 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޮށްދިނީ ވިޓަލީ ޔަނެޓް އެވެ.