27 އޯގަސްޓް 2022 - 23:23

މ. ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއު އަލުން ފަށައި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ މަސައްކަތް ނިންމައިލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިއްގަރުގައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މިރޭ ވިދާޅުވީ، ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 17 ހެކްޓަރު ހިއްކާފައިވާ އިރު އިތުރު 8 ހެކްޓަރާ އެކު ޖުމްލަ 25 ހެކްޓަރުގެ ބިން ވަރަށް އަވަހަށް ހިއްކާނެ ކަމަށެވެ.
ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނިކޮށް އެމްޓީސީސީގެ މަހާޖައްރާފަށް ދިމާވި މައްސަލައަކާ ގުޅިގެން އެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. އެ މަސައްކަތް އަލުން ފަށައި އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިއްގަރުގައި ހިއްކާ 25 ހެކްޓަރުގެ ބިމާ އެކު އެ ރަށުގެ ބޮޑުމިން 39 ހެކްޓަރަށް އިތުރު ކުރެވޭނެ އެވެ. މިއީ ގާތްގަނޑަކަށް ތިން ގުނަ އިތުރުވުމުކެވެ.
ރައީސް ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަަބުން ރަށުގައި ޒަމާނުއްސުރެ ހައްލު ނުވެ އޮތް، ރަށު ތެރެއަށް އުދަ އެރުމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.
"އުދަ އެރުން ހުއްޓުވުމަށް ހިމާޔަތް ހޯދުމަށްޓަކައި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދަކަށް ވެލި ލައި ހިލަތޮށި ވަނީ ލައިފައި. އަޅުގަނޑުމެން ބަލަންވީ ކުރިއަށް އޮތް ދެތިން އަހަރުގެ އިރުވައި މޫސުމުގައި ކިހާވަރެއްގެ ހިމާޔަތެއް ލިބޭތޯ،" ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތަށް 27 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އެމްޓީސީސީ ހިންގާ އެ މަޝްރޫއުގެ ދަށުން ވެލި ގޮނޑުދޮށަށް ވެލި އެޅުމާއި ރިވެޓްމެންޓު ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ރަށުގެ ފެނުގެ ހިދުމަތް 37 މެޓްރިކް ޓަނުން 50 މެޓްރިކް ޓަނަށް ބޮޑު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ވޭވަށަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.