ލައިގާ ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއަކާ ދިމާލަށް
ލައިގާ ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއަކާ ދިމާލަށް

ތެލޫގޫ ތަރި، ވިޖޭ ދެވަރަކޮންޑާގެ ފުރަތަމަ ހިންދީ ފިލްމު، "ލައިގާ" ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

ބުރާސްފަތި ދުވަހު ރިލީޒްކުރި އެ ފިލްމަށް ފުރަތަމަ ދުވަހު އިންޑިއާ އިން އެކަނި ވެސް 19 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. ތެލޫގޫ އިންޑަސްޓްރީގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ވިޖޭގެ މި ފިލްމަކީ އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ވެސް ފުރަތަމަ ދުވަހު މިހާ ބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފިލްމެވެ.

"އަރްޖުން ރެއްޑީ" އާއި "ޑިއާ ކޮމްރޭޑް" ކަހަލަ ހިޓް ފިލްމުތަކުން ފެނުނު ވިޖޭގެ އެ ފިލްމު އެޅުވި ދުވަހު 19 ކްރޯޑް ރުޕީސް ލިބިފައިވާއިރު މިއީ މިއަހަރު ބޮލީވުޑްގެ އެއްވެސް ފިލްމަކަށް ލިބިފައިވާ ވަރުގެ ކާމިޔާބެއް ނޫނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފުރަތަމަ ދުވަހު އިންޑިއާ އާއި ދުނިޔޭގެ މާކެޓުން އެއްކޮށް ލިބުނު އާމްދަނީ 33 ކްރޯޑް ރުޕީސް އަށް އަރަ އެވެ.

ހިންދީ ފިލްމުތައް ސިނަމާގައި ނުހިނގާ ދުވަސްކޮޅެއްގައި އެ ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބުމުން ވިޖޭ އާއި އޭނާއާ އެކު ދެން އެ ފިލްމުގައި ބައިވެރިވާ ލީޑު ބަތަލާ އަނަންޔާ ޕާންޑޭ ވެސް ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އެ ފިލްމަކީ ވާހަކަ ދެއްކުމުގައި އުނދަގޫ ކަމެއް ހުންނަ މީހަކު، ފުރައްސާރައިގެ ތެރެއިން ބޮކްސިން ޗެމްޕިއަނަކަށްވާ މަންޒަރު ދައްކުވައިދޭ ފިލްމެކެވެ.

މިފަހުން ބޮލީވުޑްގައި އާމިރު ޚާނާއި އަކްޝޭ ކުމާރުގެ ފިލްމު ވެސް ވަނީ ފްލޮޕްވެފަ އެވެ.