28 އޯގަސްޓް 2022 - 07:10

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ ލަވަތައް ކިޔައިދީީ އެ އެނަލައިޒް ކުރުމަށް ހާއްސަ މޮޑިއުލެއް އެމެރިކާގެ ޔުނިވާސިޓީއެއްގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޓޭލާ މަޝްހޫރު ވެފައިވަނީ އޭނާގެ ލަވަތަކުގެ ލިރިކްސްތަކުގެ މާނަ ފުންކަމަށެވެ. ތަފާތު އެކި ގޮތްގޮތަށް ރާވާލާފައިވާ ބަސްތަކަކީ ޓޭލާގެ ފޭނުންނަށް ވަރަށް ކަމުދާ އެއްޗެކެވެ.
މިފަހަރު މިއޮތީ އެ ލަވަތައް އިތުރަށް ދަސްކުރުމަށް ފުރުސަތު ލިބިފަ އެވެ. އެމެރިކާގެ އޮސްޓިންގައި ހުންނަ ޓެކްސަސް ޔުނިވާސިޓީގެ ބެޗެލާސް އާޓްސް ޕްރޮގްރާމަށް ވަނީ ޓޭލާގެ މިއުޒިކް އިތުރުކޮށްފަ އެވެ. ލިބަރަލް އާޓްސް ޕްރޮގްރާމުގައި ހިމެނޭ ހާއްސަ މޮޑިއުލެއްގައި ލިރިކްސްގެ އައިކޮންތައް ކަމަށްވާ ޝޭޭކްސްޕިއާ އާއި ރޮބާޓް ފްރޮސްޓްގެ ލިޔުންތަކާ އެކު ޓޭލާގެ ލަވަތައް ވެސް ކިޔައިދޭނެ އެވެ.
އެ ޔުނިވާސިޓީން ބުނެފައިވަނީ ޕްރޮގްރާމުގައި ބޮޑެތި ލެޖެންޑުންތަކާ އެކު ޓޭލާ ހިމެނުމަށް ހަމަޖެއްސީ ޓޭލާގެ މިއުޒިކުން ފައިދާ ކުރާނެތީ ކަމަށެވެ. އެއީ ޓޭލާގެ ލަވަ ލިޔުމުގެ ހުނަރުން ކުރީގެ ކްލެސިކަލް ލިޔުންތެރިކަމަށް އަލި އަޅުވާލަން ފަސޭހަ ވެގެން ދާނެތީ ކަމަށް ޔުނިވާސިޓީން ބުނެފައިވެ އެވެ.
އެ މޮޑިއުލް މެދުވެރިކޮށް ޓޭލާ ލަވަ ލިޔާ ގޮތަށް ދަރިވަރުންނަށް ވެސް ލަވަ ލިޔަން ދަސްކޮށްދޭނެ އެވެ. އަދި މޮޑިއުލް ނިމެން ވާއިރަށް ދަރިވަރުންނަށް ރީތިކޮށް ލަވަ ލިޔެލަން އެނގޭނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
ޓޭލާގެ މިއުޒިކީ ހުނަރާއި މިއުޒިކަށް އޭނާ ކޮށްދީފައިވާ ހިދުމަތަށް ބަލައި އޭނާ އަށް ވަނީ ނިއު ޔޯކް ޔުނިވާސިޓީ އިން އޮނޮރަރީ ޑޮކްޓަރޭޓްގެ ޑިގްރީއެއް މި އަހަރު ހަވާލުކޮށްފަ އެވެ.