ހާލަންޑް ހެޓްރިކް ހަދައި ޕެލަސް އަތުން ސިޓީ މޮޅުކޮށްދީފި
ހާލަންޑް ހެޓްރިކް ހަދައި ޕެލަސް އަތުން ސިޓީ މޮޅުކޮށްދީފި

މެންޗެސްޓާ (އޮގަސްޓް 27) - ފަހު ހާފުގައި ހާލަންޑް ހެދި ހެޓްރިކާ އެކު މެންޗެސްޓާ ސިޓީ އިން ފަހަތުން އަރައި 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފި އެވެ.

ޕެލަސް އިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ހޯދައިފަ އެވެ. އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު އެބެރޭޗީ އެޒޭ ނެގި ހިލޭޖެހުމެއް ސިޓީގެ ޖޯން ސްޓޯންސް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުން އެ ޓީމުން ލީޑު ނެގީ ހަތަރު ވަނަ މިނިޓުގަ އެވެ. އޭގެ ފަހުން އެޒޭ ނެގި ކޯނަރަކުން ބޮލުން ގޯލު ޖަހައި 21 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ޑިފެންޑަރު ޔަކީމް އެންޑަސަން އެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ފޯނާޑް އާލިން ބްރައުޓް ހާލަންޑާއި ކެވިން ޑިބްރޭނާ އަދި ފިލް ފޮޑެން ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ. އަދި ރިޔާދް މަހްރޭޒް އާއި ބެނާޑޯ ސިލްވާ ތަނަވަސްކުރި ފުރުސަތުތަކުގެ ވެސް ބޭނުމެއް ނުކުރެވުނެވެ.

ސިޓީގެ ފުރަތަމަ ލަނޑު 53 ވަނަ މިނިޓުގައި ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. އެއަށް ފަހު ހާލަންޑް މެޗުގައި ޖެހި ފުރަތަމަ ލަނޑާ އެކު ސިޓީ އިން ނަތީޖާ އެއްވަރުކުރީ 62 ވަނަ މިނިޓުގައި ފޮޑެން ނަގައިދިން ހުރަހެއް ބޮލުން ޖަހައިގެންނެވެ. އަދި 70 ވަނަ މިނިޓުގައި ހާލަންޑްގެ ދެވަނަ ލަނޑު ޖަހައި ސިޓީ އަށް ލީޑު ހޯދައިދިން އިރު، އޭނާގެ ހެޓްރިކް ފުރިހަމަކުރީ އިލްކޭ ގުންޑޮއާންގެ ޕާހަކުން 81 ވަނަ މިނިޓުގަ އެވެ،

މިއީ އުމުރުން 22 އަހަރުގެ ހާލަންޑް ގެ ކެރިއަރުގައި އޭނާ ފުރިހަމަކުރި 15 ވަނަ ހެޓްރިކެވެ. މިއީ އޭނާ މެންޗެސްޓާ ސިޓީގެ ހޯމް ސްޓޭޑިއަމް ކަމަށްވާ އިއްތިހާދުގައި ލަނޑު ޖެހި ފުރަތަމަ މެޗު ވެސް މެ އެވެ.

މެންޗެސްޓާ ސިޓީ އިން ރަށުން ބޭރުގައި ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ހާލަންޑް ލަނޑު ޖެހި އިރު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހުނެވެ.