27 އޯގަސްޓް 2022 - 19:37

މާލޭ މަސްމާރުކޭޓުން ވައްކަންކުރަން އުޅުނު ކަމަށް ބުނެ މީހަކަށް އަނިޔާކޮށް، ބަޔަކު މިއަދު އޭނާ މޫދަށް ކޮށްޕާލައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ މަސްމާރުކޭޓުގެ އެތެރޭގައި ބަޔަކު އެ މީހާ ގައިގައި ތަޅައިގަނެ، ބިންމައްޗަށް ވައްޓާލައި، ގޮށްމުށުން ތަޅާ ތަނެވެ. އެއަށް ފަހު އޭނާ މާރުކޭޓުން ބޭރަށް ނެރެގެން ގެންގޮސް، އެތަނާ ދިމާލުން ބަނދަރު މައްޗަށް ނެރެ، އޭނާ މޫދަށް ކޮށްޕާލާ މަންޒަރު ވެސް ފެނެ އެވެ. އަދި ފަހުން ފުލުހުން އެތަނަށް ގޮސް، އޭނާ މޫދުން ނަގައިގެން ގެންދެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ކުށެއް ކުރިކަމުގެ ތުހުމަތުގައި ބަޔަކު މީހަކަށް މި އަނިޔާކުރީ އެގޮތަށް ކަންތައް ނުކުރަން މިދިޔަ ހަފުތާގައި ފުލުހުން އާންމުންނަށް އިންޒާރު ވެސް ދީފައި ވަނިކޮށެވެ. ފުލުހުން ބުނެފައި ވަނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުންގެ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
"އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާ މެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުމަކީ މި ހިދުމަތުން ނުހަނު ކަންބޮޑޫވާ، މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެ ފަދަ އަމަލުތަކެކެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން އެގޮތަށް ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހިޔާ ފްލެޓްތައް ކައިރީ ރުކެއްގެ ދޮށުގައި މީހަކު ބަހައްޓައި، އޭނާއާ ދިމާލަށް އެއްޗެހި ގޮވައި، އަތްފައިން އޭނާގެ ގައިގައި ތަޅާ ވީޑިއޯއެއް މިދިޔަ އަންގާރަ ދުވަހު އާންމުވެފައިވަނިކޮށެވެ.
މިފަހަކަށް އައިސް އާންމުން ނިކުމެ ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކާ ގުޅިގެންނެވެ. އެފަދަ މައްސަލަތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ބަރަހަނާކޮށް، އެކި މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި އެބަހުއްޓެވެ.