27 އޯގަސްޓް 2022 - 22:28

ސައުތެމްޓަން (އޮގަސްޓް 27) - މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ސައުތެމްޓަން އާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށްފި އެވެ.
މިއީ އާ ކޯޗު ޓެން ހަގް އާއެކު ޔުނައިޓެޑުން ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލި ފުރަތަމަ މެޗެވެ. މިދިޔަ ހަފްތާ އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކޮށް، އާ ކޯޗު އެރިކް ޓެން ހަގް އާއެކު ފުރަތަމަ ފަހަރަށް މެޗެއް ކާމިޔާބުކުރި ޔުނައިޓެޑުން މިއަދުގެ މެޗަށް ވެސް ނެރުނީ، ލިވަޕޫލް މެޗަށް ނެރުނު ފުރަތަމަ 11 އެވެ.
ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބެންޗުގައި އިން އިރު، މެޗުގެ ކުރިން ޓެން ހަގް ބުނެފައި ވަނީ، މެގުއާ އަކީ ޓީމުގެ ކެޕްޓަން ކަމުގައި ވިއަސް، އެއީ އޭނާއަށް ފުރަތަމަ 11 އިން ޖާގަ ހައްގުވާނެ ސަބަބެއް ނޫން ކަމަށެވެ. މި މެޗުގައި ވެސް ޓީމު ލީޑު ކުރީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ. މީގެ އިތުރުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި އިން އިރު، އަލަށް ގެނައި ބްރެޒިލްގެ ކަސެމީރޯ ވެސް ފެށީ ބެންޗުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. ބްރޫނޯ ފެނާންޑޭޒް ބޮލުން ފޮނުވާލަން އުޅުނު ހަމަލާއެއް ސައުތެމްޓަންގެ ޑިފެންޑަރަކު ބްލޮކް ކުރުމުން އެންތަނީ އެލަންގާ ވަނީ އެ ބޯޅަ ހޯދައި، ދެ ފަހަރު ގޯލަށް ފޮނުވާލަން މަސައްކަތް ކޮށްފަ އެވެ. އަދި ކީޕަރު ދިފާއު ކުރި ބޯޅަ ކްރިސްޓިއަން އެރިކްސަން ފޮނުވާލުމުން ބްލޮކް ކުރީ ސައުތެމްޓަންގެ ޑިފެންޑަރެކެވެ.
މިދިޔަ ހަފްތާ ފަހަތުން އަރައި ލެސްޓާ ސިޓީ ބަލިކުރި ސައުތެމްޓަން އަށް ވެސް މި ހާފުގައި ލީޑު ނަގާނެ ފުރުސަތު ލިބުނެވެ. ޗޭ އެޑަމްސް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވި އިރު، ކޯނަރެއްގައި އެޓީމުގެ ޖަރުމަން ޑިފެންޑަރު އާމެލް ބެލާ-ކޯޗަޕް ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލު މަތިން ބޭރަށެވެ. އޭގެ ފަހުން ޗޭ އެޑަމް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދިފާއު ކުރި އެވެ.
ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ 55 ވަނަ މިނިޓުގައި ޑިއޯގޯ ޑަލޮޓްގެ ޕާހަކުން ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލަކުންނެވެ. މި ހާފުގައި ކުޅެން އަރައި ރޮނާލްޑޯ އަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބުނު ނަމަވެސް، އޭނާގެ ފަހަތުން އަރައި ސައުތެމްޓަން ޑިފެންޑަރަކު ވަނީ ރޮނާލްޑޯ އަތުން ބޯޅަ ހޯދައިފަ އެވެ.
ރެއާލް މޭދްރިޑުން އެޓީމަށް ގެނައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ވަނީ އެލަންގާގެ ބަދަލުގައި މެޗުގެ ފަހު 10 މިނިޓަށް ކުޅެން އަރައިފަ އެވެ.
ސައުތެމްޓަން އިން ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ފްރާންސްގެ ޒުވާން ފޯވާޑް ސީކޫ މާރާ ޖެހި ރީތި އޯވާހެޑް ކިކެއް ގޯލާ އަމާޒު ނުވިއިރު، އިތުރު ކުޅުންތެރިއަކަށް އެ ބޯޅަ ލިބުމުގެ ކުރިން ޑަލޮޓް ވަނީ ދިފާއު ކޮށްފަ އެވެ. އަދި އެންމެ ފަހު ވަގުތުގައި ކައުންޓާ އެޓޭކެއްގައި ޔުނައިޓެޑްގެ ރޮނާލްޑޯ އަށް ވަނީ އިތުރު ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ.