27 އޯގަސްޓް 2022 - 13:34

މިމަހު 16 ގައި ވިލިމާލެ ފަރަށް އެރި ބްރިޖުގެ ޖިއޯ ޓެކްނިކަލް މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމް މިއަދު ފުންކޮށްފި އެވެ.
ބްރިޖުގެ މަސައްކަތް ކުރާ އެފްކޯންސް ކުންފުނިން މީގެ ކުރިން ވަނީ މިދިޔަ ބުދަ ދުވަހު އެ ޕްލެޓްފޯމް ނަގާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މޫސުން ގޯސްވުމާ ގުޅިގެން އެ މަސައްކަތް ނުކުރެވުނެވެ.
އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "މިހާރު" އަށް ވިދާޅުވީ އެ މަސައްކަތް ކޮށް ނިންމާލެވުނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ.
"މިހާރު ކުރިޔަށް ދަނީ އެތަނަށް އެޅިފައި ހުރި ދަގަނޑުތަކާއި އެހެން އެއްޗެހި ނެގުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތް ނިމުނުހާ އަވަހަކަށް ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްޓަކައި ސާވޭ ފަށާނެ ކަމަށް ނައީމް ވިދާޅުވި އެވެ.
މޫސުން ރަނގަޅުވެ އެ ސަރަހައްދަށް އެރި އުޅެވޭ ނަމަ 24 ގަޑިއިރު ތެރޭގައި އެ ސާވޭ ހަދައި ނިމޭނެ ކަމަށް ނައީމް ވިދާޅުވި އެވެ.
ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރިތާ ހަފުތާއެއްވީ އިރު ވެސް އެ ނުނަގައި ހުރުމުގެ ސަބަބުން ޕްލެޓްފޯމުގެ ތަނބުތައް ފަރުގައި ތާށިވެ އެ ނަގަން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. އޭގެ ސަބަބުން ފަރުތަކަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށް ބުނެ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި ބްރިޖުގެ ޕްލެޓްފޯމް ފަރަށް އެރުމުގެ ހާދިސާ އާ ގުޅިގެން އެ މަސައްކަތަށް ލަސް ވުން ފަދަ ކަމެއް ދިމާނުވާނެ އެވެ. އަދި ބްރިޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.