ވޮލީ ކުޅެން ހުރި ޒުވާނަކު ނިޔާވެއްޖެ
ވޮލީ ކުޅެން ހުރި ޒުވާނަކު ނިޔާވެއްޖެ

އދ. މާމިގިލީގައި މިރޭ އޮތް ވޮލީ މެޗުގައި ކުޅެން ހުއްޓައި އުމުރުން 37 އަހަރުގެ މީހަކު ވެއްޓި ނިޔާވެއްޖެ އެވެ.

އދ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ އެ އަތޮޅު ޒޯނު މުބާރާތުގައި އދ. ދިއްދޫގެ ރައްޔިތުންގެ ގުޅުމާއި ދަނގެތި އަންވާރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ވޮލީ މެޗުގައި ކުޅެން ހުއްޓައި ވެއްޓި ނިޔާވީ ދިއްދޫ ނޫވިލާގޭ، އަހުމަދު އަބްދުﷲ (ޑަކީ) އެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، އަހުމަދު ކުއްލި ގޮތަކަށް ވެއްޓުމާއެކު މާމިގިލި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

އދ. އަތޮޅުގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރު އަހުމަދު ނިޔާވިއިރު އޭނާ ވަނީ ވަރަށް ޅަ އުމުރުގައި ބައި ޕާސް އޮޕަރޭޝަނެއް ކޮށްފަ އެވެ. އެއީ ހިތުގައި ލޯވަޅު އެޅިގެން އޭރު ކުރި އޮޕަރޭޝަނެއް ކަމަށް އޭނާގެ ގާތް މީހަކު ބުންޏެވެ.

ނަމަވެސް ވަރަށް ފަހުން ރޯގާ ޖެހުން ފިޔަވައި އިތުރު ބައްޔެއް ވި ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ދިއްދޫގައި ކެފޭގެ ވިޔަފާރިކުރާ އަހުމަދު ނިޔާވިއިރު އޭނާގެ ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.