26 އޯގަސްޓް 2022 - 23:15

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި މީގެ ކުރިން އެކުގައި ފެނުނު ދެ ކޯޗުން ކަމަށްވާ މުހައްމަދު ޝިޔާޒް (މޯހަން) އާއި އަހުމަދު ނިމާދު (ނިމާ) ގެ ފުރަތަމަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ އެވެ.

އެމްޓީސީސީ ނޯތު ލީގުގެ ރ. އަތޮޅުގެ ގުރޫޕުގައި ހިމެނޭ އުނގޫފާރު ފުޓުބޯޅަ ކުލަބް ގޮވައިގެން މޯހަން ނުކުތް އިރު، ނިމާ ކޯޗު ކޮށްދެނީ ދުވާފަރު ސްޕޯޓްސް ކުލަބަށެވެ. އުނގޫފާރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ދުވާފަރާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.
އޭއެފްސީ ޕްރޯ ލައިސެންސް ނެގުމަށް 2019 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްގެ ހެޑް ކޯޗުގެ މަގާމުގައި ހުރެފައި މޯހަން ކޯހުގައި ފުރި އިރު، އޭނާ އެނބުރި އައިސް ޓީމާ ހަވާލުވަންދެން ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި ނިމާ އެވެ. ނިމާ ވަނީ މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތް ބުރު ސްޕޯޓްސް ކުލަބަށް ކާމިޔާބު ކޮށްދީފަ އެވެ.
މޯހަންގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ކުޅުނު އުޒްބަކިސްތާނު މިޑްފީލްޑަރު އުމަރްޖާނޯވް އަކްރޮރް ވެސް އުނގޫފާރު ޓީމުގައި ހިމެނެ އެވެ. ރ. އަލިފުށީ ދަނޑުގައި ކުޅުނު މެޗުގެ 26 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި އުނގޫފާރުން ކުރި ހޯދީ ވެސް އަކްރޮރް ގެ ލަނޑަކުންނެވެ.
އެހެން ނަމަވެސް، 35 ވަނަ މިނިޓުގައި ދުވާފަރުގެ މުހައްމަދު އަލީ ނަތީޖާ އެއްވަރު ކުރި އެވެ. އޭގެ ފަހުން މުހައްމަދު ޖުމާން ވަނީ މެޗުގެ 57 ވަނަ މިނިޓުގައި ދުވާފަރަށް ލީޑު ނަގައިދީފަ އެވެ. އުނގޫފާރުން އެއްވަރުކުރި ލަނޑު 69 ވަނަ މިނިޓުގައި ޖަހައިދިނީ އާތިފް އިގްބާލް އެވެ.
ދުވާފަރާއި އަލިފުށި ރެކްރިއޭޝަން ކްލަބް ކުޅުނު ރ. އަތޮޅުގެ ޓީމުތައް ހިމެނޭ ގުރޫޕް ޑީގެ ފުރަތަމަ މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިން؛ 2-2 އިން އެއްވަރު ވެގެންނެވެ.
މި ގުރޫޕުގެ ތިންވަނަ މެޗުގައި އާދިއްތަ ދުވަހުގެ ހަވީރު އަލިފުށްޓާއި އުނގޫފާރު ބައްދަލުކުރާނެ އެވެ.