26 އޯގަސްޓް 2022 - 23:20

ބުޑަޕެސްޓް، ހަންގޭރީ (އޮގަސްޓް 26) - މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ހިމަނައިގެން މި ސީޒަނުގެ ޔުރޮޕާ ލީގުގެ ގުރު ނަގައިފި އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ހަ ވަނައިގައި ނިންމައިގެން އެންމެ ފަހު ދުވަހު ޔޫރޮޕާ ލީގު ޖާގައެއް ޔަގީން ކުރި މެންޗެސްޓާ ޔުނައިޓެޑް ހިމެނެނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑާއި، މޯލްޑޯވާ އަށް ނިސްބަތްވާ ޝެރިފް ޓިރާސްޕޯލް އަދި ސައިޕްރަސްގެ އޮމޯނިއާ އާއެކު ގުރޫޕް އީ ގަ އެވެ.
މިއީ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 2002 ވަނަ އަހަރަށް ފަހު ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖު ކުޅެން ޖެހުނު ފުރަތަމަ ފަހަރެވެ. ރޮނާލްޑޯ އަކީ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ހޯދީ ވެސް ޔުނައިޓެޑުގަ އެވެ. އަދި ރެއާޅް މެޑްރިޑާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ތަށި އުފުލާލި އެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ނެގި ޔުނައިޓެޑުން ވަނީ 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ސޮސިއެޑާޑާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރި އިރު، ރަށުން ބޭރުގައި ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ނަމަވެސް ޔުނައިޓެޑުން ގުރޫޕުގެ އެއްވަނަ ހޯދި އިރު ސޮސިއެޑާޑް ނިންމާލީ ގުރޫޕުގެ ފުލުގަ އެވެ. އެންމެ ފަހުން 2020/21 ސީޒަނުގެ ޔޫރޮޕާ ލީގުގެ ފުރަތަމަ ނޮކައުޓް ބުރުގައި ވާދަކުރިއިރު، ދެ ލެގުގެ އެގްރިގޭޓް 4-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކާމިޔާބު ކުރިއެވެ.
ޔުނައިޓެޑް ހިމެނޭ ގުރޫޕުގައި ދެނެ ހިމެނޭ ޝެރިފް ޓިރާސްޕޯލް އަކީ މޮލްޑޯވާ ލީގުގެ ޗެމްޕިއަނުންނެވެ. އެ ޓީމު ވަނީ މިދިޔަ ސީޒަނުގައި މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކޮށް، ގުރޫޕް ސްޓޭޖުގައި ވަރުގަދަ ރެއާލް މެޑްރިޑު ބަލިކޮށްފަ އެވެ. ނަމަވެސް ގުރޫޕުގެ ތިން ވަނައިގައި ނިންމައި ޔޫރޮޕާ ލީގުން ޕޯޗުގަލްގެ ބްރާގާ އިން އެޓީމު ކަޓުވާލަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ސައިޕްރަސްގެ ޗެމްޕިއަން އޮމޯނިއާގެ ކޯޗަކީ ސެލްޓިކަށް ކުރިން ކޯޗު ކޮށްދިން ނީލް ލެނަން އެވެ.
މިދިޔަ ސީޒަން ނިމެން މެޗަކަށް ވެފައި ވަނިކޮށް ނިއުކާސަލް އަތުން ބަލިވެގެން ޗެމްޕިއަންސް ލީގު ޖާގަ ގެއްލުނު އާސެނަލް ހިމެނެނީ، މީގެ ކުރިން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކުރި ނެދަލެންޑްސްގެ ޕީއެސްވީ އާއި ނޯވޭގެ ޗެމްޕިއަން ބޯޑޯ/ގްލިމްޓް އަދި ސްވިޒަލެންޑްގެ ޗެމްޕިއަން ޒިއުރިޗް އާއެކު ގުރޫޕް އޭ ގަ އެވެ.
މިއީ، މެންޗެސްޓާ ސިޓީ ދޫކޮށް މި ސީޒަނުގައި އާސެނަލް އަށް ބަދަލުވި ބްރެޒިލްގެ ގެބްރިއެލް ޖީސަން ޔޫރޮޕާ ލީގުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ސިޓީއާ އެކު ފާއިތުވި ފަސް ސީޒަނުގައި ޗެމްޕިއަންސް ލީގު ފައިނަލުގައި އެއް ފަހަރު ކުޅެފަ އެވެ.
ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ވެސް ފައިނަލުގައި މީގެ ކުރިން ވާދަކުރި އާސެނަލާ ދެކޮޅަށް ޕީއެސްވީ ނުކުންނަ އިރު، އެޓީމުގެ ކޯޗަކީ މީގެ ކުރިން ޔުނައިޓެޑުގެ ޖޯޒީގައި އާސެނަލް ކޮޅަށް ގިނަ ލަނޑުތަކެއް ޖެހި ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ރޫޑް ވެން ނިސްޓެރޫއީ އެވެ. ބޯޑޯ/ގްލިމްޓް އިން މިދިޔަ ސީޒަނުގެ ޔޫރޮޕާ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގައި ވަނީ ޗެމްޕިއަން ރޯމާ އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ. ޒިއުރިޗާއި ބޯޑޯ/ގްލިމްޓް އަދި ޕީއެސްވީ ވެސް ޔޫރޮޕާ ލީގު ކުޅެނީ، ޗެމްޕިއަންސް ލީގު ޕްލޭއޮފުން ބަލިވެގެންނެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގު ކާމިޔާބުކުރި އިޓަލީގެ ރޯމާ ހިމެނެނީ ޔޫރޮޕާ ލީގު ގުރޫޕް ސީ ގަ އެވެ. ރޯމާ އާއެކު މި ގުރޫޕުގައި ދެން ހިމެނެނީ ސްޕެއިންގެ ރެއާލް ބެޓިސް އާއި ބަލްގޭރިއާގެ ޗެމްޕިއަން ލުޑޯގޮރެޓްސް ރަޒްގްރޭޑް އަދި ފިންލެންޑުގެ ޗެމްޕިއަން އެޗްޖޭކޭ ހެލްސިންކީ އެވެ.
އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑް ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުން ޖާގަ ހޯދީ 6-1 ގެ އެގްރިގޭޓަކުން ޕްލޭއޮފުފައި ޑެންމާކުގެ ވީބޯ ބަލިކޮށްފަ އެވެ.
ވެސްޓް ހޭމް ހިމެނެނީ ކޮންފަރެންސް ލީގު ގުރޫޕް ބީ ގަ އެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ރޮމޭނިއާގެ އެފްސީއެސްބީ އާއި ބެލްޖިއަމްގެ އެންޑަލެޗް އަދި ޑެންމާކުގެ ސިލްކެންބޯގެވެ.