26 އޯގަސްޓް 2022 - 08:10

އިންސާނުން ދިރިއުޅުމަށް އޮތް އެންމެ ހެޔޮ މަގަކީ އިސްލާމް ދީނުގެ މަގެވެ. ދުނިޔެ އާއި އާހިރަތާ ދެ ތަން އެކުގައި ކާމިޔާބު ކުރަން ބޭނުން ނަމަ އިސްލާމްދީނުގެ މަގު ފިޔަވައި އެހެން އެއްވެސް މަގެއް އިންސާނާ އަށް ލިބިފައެއް ނުވެ އެވެ. އެހެންކަމުން އެ މަގުން އެއްކިބާވެފައިވާ ކޮންމެ މީހަކީ ނުކިޔަމަންތެރި އެކެވެ. އެއީ އެހެންޏާ ކުފުރުވެގެންނެވެ. ނުވަތަ ފާސިގު ވެގެންނެވެ. ނުވަތަ އުރެދިގެންނެވެ. ކީރިތި ޤުރުއާނުގެ އަލްހުޖުރާތު ސޫރަތުގެ 7 ވަނަ އާޔަތުން ދޭހަވާ ގޮތުގައި ކުފުރުވުމާއި ފާސިގުވުމާއި ނުކިޔަމަންތެރިވުން މި ތިން ކަންތަކަށް ﷲ ރުހިވޮޑިގެން ނުވެ އެވެ. އަދި މި ތިން ކަންތައް އެކުގައި ގެނެސްފައި ވުމުން އޭގައި ފަރަގުތަކެއް ހުންނާނެކަންވެސް ދޭހަވެ އެވެ.
ފާސިގު ވުމަކީ ޝަރުއީ ހައްދުތަކުން ބޭރުވުމެވެ. ފާސިގު ކަމުގެ މާނަ ކުފުރުގެ މާނައަށް ވުރެ ފުޅަލެވެ. ސަބަބަކީ ކުފުރުވުމަކީ އީމާންކަމުގެ ހައްދުތަކުން ބޭރުވުމެވެ. އެ އަށް ފާސިގުވުމޭ ވެސް ކިޔެ އެވެ. މިސާލަކަށް އިބްލީސް ﷲ އަށް ކުފުރުވުން ސިފަ ކުރެވިފައިވަނީ ފާސިގުކަމުގެ ސިފައިންނެވެ. (އަލް ކަހްފް 50) އަދި އައްސަޖިދަ ސޫރަތުގެ 18 ވަނަ އާޔަތާއި އައްނޫރު ސޫރަތުގެ 55 ވަނަ އާޔަތުގައި ވެސް ކާފިރުކަން ފާސިގުކަމުން ސިފަ ކުރައްވާފައިވެ އެވެ.
މީގެ އިތުރަށް ފާސިގު ކަމަކީ އަސްލުގައި އަމަލީ ތަކުލީފުތަކުގެ ހައްދުތަކުން ބޭރުވުމެވެ. އިންސާނާ އެ ހައްދުތަކުން ކިތަންމެ ކުޑަކޮށް ބޭރުވި ނަމަވެސް އެ ބަހީ ކިތަންމެ މަދުން ފާފަކުރި ނަމަވެސް ފާސިގު ކަމުގެ ނަން ދެވެ އެވެ. އެކަމަކު އާންމު ގޮތެއްގައި ފާސިގުކަން ބޮޑަށް ތައާރަފު ވެފައި ވަނީ ގިނަ ފާފަތައް ކުރުމަށެވެ. އެއީ ޝަރުއީ ހުކުމްތަކަށް އިލްތިޒާމްވެ، އިގުރާރު ވެފައި އެކަމަކު އެ ހުކުމްތަކުން ގިނަ ހުކުމްތަކެއް ދޫކޮށް ލުމެވެ.
ﷲގެ ހައްދުތަކުން ބޭރުވާ މުއުމިނުން ފާސިގުންގެ ގޮތުގައި ސިފަ ކުރައްވައި ވަރަށް ގިނަ އާޔަތްތައް ކީރިތި ޤުރުއާނުގައި ވެ އެވެ. އޭގެ ތެރެއިން އެއް އާޔަތަކީ ގަޒުފު ކުރާ މީހުންގެ ވާހަކަ ބަޔާން ކުރައްވާފައިވާ އާޔަތެކެވެ. (އައްނޫރު 4) އަނެއް އާޔަތެއްގައި ފާސިގުކަން އަނިޔާވެރި ކަމުގެ ގޮތުގައި ސިފަ ކުރައްވާފައިވެ އެވެ. އެއީ ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގަ އެވެ. އަނިޔާވެރިކަން ކުފުރު ވުމުގެ މާނައިގައި ވެސް ބޭނުންކޮށްފައިވެ އެވެ. (އަލް ބަގަރާ 254) އެހެންކަމުން އަނިޔާވެރިވުން މާނަކުރެވެނީ ފާސިގު ވުމަށް ވުރެ ވެސް ފުޅާކޮށެވެ. ނަމަވެސް އަނިޔާވެރިވުން ގިނަ ފަހަރު ބޭނުން ކުރަނީ އެހެން މީހުންނަށް އެ އިން ގެއްލުން ދެނިވި ކަންކަމުގަ އެވެ. މިފަދަ ކަންކަމަކީ އަނެއް ކޮޅުން ބަލާއިރު އަމިއްލަ ނަފްސަށް ވެސް ގެއްލުން ދެނިވި ފަދަ ކަންކަމެވެ. އައްތަލާގު ސޫރަތުގެ 1 ވަނަ އާޔަތުން މިކަން ދޭހަވެ އެވެ. އަލްމާއިދަތު ސޫރަތުގެ 47 ވަނަ އާޔަތުގައި އިންޖީލުގެ އަހުލުވެރިންނަށް ނިސްބަތްކޮށް ވަހީ ކުރައްވާފައި ވަނީ ﷲ ބާވައިލެއްވި ކަންތައްތަކުން ހުކުމް ނުކުރާ މީހުންނީ ފާސިގުން ކަމުގަ އެވެ. ވީމާ ފާސިގުވުން ހުރިހާ ހާލަތެއްގައި ކާފިރުވުމުގެ މާނައިގައި މާނައެއް ނުކުރެވޭނެ އެވެ. އީމާންވެ، އެކަމަކު ﷲ އެންގެވި ގޮތަށް ތަބާ ނުވުން އެއީ ފާސިގުވުން އެންމެ ގިނައިން މާނަކުރާ ގޮތެވެ.
ނުކިޔަމަންތެރިވުން ނުވަތަ އުރެދުން ވެސް މިއީ ފާސިގުވުމާ ދާދި އެއްގޮތެއްގައި ބޭނުން ކުރެވޭ މުސްތަލަހެކެވެ. އެހެނީ އެއީ ވެސް ހަމަ ﷲ ގެ ހައްދުތަކުން ބޭރުވުމެވެ. ނަމަވެސް ނުކިޔަމަންތެރިވުން ނުވަތަ އުރެދުން ބޮޑަށް ބޭނުން ކުރަނީ ގިނައިން ނުވަތަ ބޮޑަށް އެ ހައްދުތަކުން ބޭރުވާ ބޭރުވުމަށެވެ.
އެއީ ވެސް ހަމަ ކުފުރުގެ މާނައިގައި ބައެއް ފަހަރު ބޭނުން ކުރާ ބަހެކެވެ. މިސާލަކަށް ޔޫނުސް ސޫރަތުގައި ފިރުއައުނު ކުފުރުވީ ވާހަކަ ގެންނަވާފައި ވަނީ އުރެދުމުން ސިފަ ކުރައްވައިފަ އެވެ. އެކަމަކު އަނެއްކޮޅުން ބަލާއިރު އީމާންވެ ހުރެ ހަމައެކަނި ހައްދުތަކުން ނުވަތަ އަމުރުތަކުން ބޭރުވުމުން ވެސް އުރެދުމުގެ ގޮތުގައި ސިފަ ކުރައްވަ އެވެ. މިސާލަކަށް ތާހާ ސޫރަތުގެ 121 ވަނަ އާޔަތުގައި، އާދަމްގެފާނު ﷲގެ އަމުރުފުޅާ ހިލާފުވެ ވަޑައިގަތުން ސިފަ ކުރައްވާފައި ވަނީ އުރެދުމުގެ މާނައިގަ އެވެ. ވީމާ ފާސިގުވުމާއި ނުކިޔަމަންތެރިވުން ނުވަތަ އުރެދުން މި ދެބަސް ވެސް ދާދި އެއްގޮތެވެ. އަދި ދެބަސް ވެސް ކުފުރުގެ މާނައިގައި ބޭނުން ކުރެވެ އެވެ. ނަމަވެސް ގިނައިން ބޭނުން ކުރެވެނީ ހައްދުތަކުން ބޭރުވުމުގެ މާނައިގަ އެވެ.
ފާސިގުވުން ނުވަތަ އުރެދުން ދެބަޔަކަށް ބެހެ އެވެ. އެއީ ކުދި ކުށްތަކާއި ބޮޑެތި ކުށްތަކެވެ. ކީރިތި ޤުރުއާނުން މިކަން އެނގެން އޮވެ އެވެ. އައްނިސާއު ސޫރަތުގެ 31 ވަނަ އާޔަތާއި އައްނަޖްމު ސޫރަތުގެ 32 ވަނަ އާޔަތުން ދޭހަވާ ގޮތުގައި ބޮޑެތި ކުށްތަކުން ދުރުހެލިވާ ނަމަ ކުދި ކުށްތައް ﷲ އަފޫ ކޮށްދެއްވަ އެވެ. ބޮޑެތި ކުށްތަކާއި ކުދި ކުށްތައް ފާހަގަ ކުރާ މިންގަނޑެއްގެ ގޮތުން އިލްމުވެރިން ވިދާޅުވެފައި ވަނީ ބޮޑެތި ކުށްތަކަކީ ސިހުރު ހެދުމާއި ހައްގަކާ ނުލައި މީހުން މެރުމާއި ޒިނޭކުރުމާއި ވައްކަން ކުރުން ފަދަ ދުނިޔެމަތީގައި އެ އަށް އުގޫބާތެއް ކަނޑައެޅިފައިވާ ކަންތައްތަކެވެ. ހަމަ އެފަދައިން އާހިރަތުގައި އެކަމަށް ގަދަފަދަ ވެގެންވާ އަޒާބު ހުރި ކަމުގެ ވައީދު ބަސްފުޅު އައިސްފައިވާ ކަންކަމެވެ. މިސާލަކަށް ޔަތީމުންގެ މުދާ ކެއުމާއި ރިބާ ކެއުން ފަދަ ކަންކަމެވެ.
އިންސާނާއަކީ ކުށް ކުރެވޭ މަހުލޫގެއް ކަމުން އިންސާނަކަށް ކުށެއް ކުރެވުމުން އެ ހިސާބުން އޭނާ މުޅިން ހަލާކުވެ، ނެތިދާ އުސޫލެއް އިސްލާމީ ނިޒާމުގައި ރޭވިފައެއް ނުވެ އެވެ. ﷲގެ ރަހުމަތް އޭނާ އަށް ލިބެ އެވެ. ކާފިރުވާ މީހާ އަށް ވެސް އެ ރަހުމަތުގެ ސަބަބުން މިންޖު ވެވެން އޮވެ އެވެ. އެއީ ތައުބާ ވުމެވެ. ހަމަ އެފަދައިން ބޮޑެތި ކުށްތައް ކުރެވޭ މީހާ އަށް ވެސް އެ ކަމުން ސަލާމަތް ވެވެން އޮވެ އެވެ. އެއީ ތައުބާވުމާއި މީހުންގެ ހައްގުތައް މީހުންނަށް ރައްދު ކޮށްދިނުމުންނެވެ. އަދި ކުދިކުދި ފާފަތައް އެއީ ކުރާ ހެޔޮ އަމަލުގެ ސަބަބުން ފޮހެވިގެންދާ އެއްޗެއްގެ ގޮތުގައި މާތްﷲ ވަނީ ލައްވާފައި ވެ އެވެ.
ވީމާ އަޅުގަނޑުމެންގެ މައްޗަށް އޮތީ ކުފުރުވުމުން ވެސް ފާސިގުވުމުން ވެސް އުރެދުމުން ވެސް ދުރުހެލިވާން މަސައްކަތް ކުރުމެވެ. އިންސާނީ ތަބީއަތުގެ ދަށުން ފަހަރެއްގައި ކުށެއް ކުރެވުނަސް އެ ކަމަށް ތައުބާވެ، ދެވަނަ ފަހަރަށް އެ ކުށަށް އަރައިނުގަތުމުގެ އަޒުމް ވަރުގަދަ ކުރުމެވެ. ފާސިގުވުން ދޫކޮށްލައި ހެޔޮ މަގަށް އެނބުރި ރުޖޫއަ ވުމުގެ ދޮރު އިސްލާމްދީން ވަނީ އަބަދުވެސް ހުޅުވާލައިފަ އެވެ. އެބަހީ ތައުބާވުމުގެ ދޮރު އަބަދުވެސް ވަނީ ހުޅުވިފަ އެވެ. އެ ދޮރު ބަންދު ވަނީ ހަމައެކަނި ކުށްތަކާއި ފާފަތަކުގައި އުމުރުގެ ދުވަސްތައް ދުއްވާލުމަށް ފަހު ތިމާގެ އަޖަލު ޖެހިއްޖެހެން ހީވީމާ އެ ހިސާބުން ދެން ތައުބާވާން އުޅޭ މީހުންނަށް އެކަންޏެވެ. (އައްނިސާއު 17-18).