26 އޯގަސްޓް 2022 - 08:14

ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ "ލާލް ސިންގް ޗައްދާ" އަށް އިންޑިއާގައި މާބޮޑު ތަރުހީބެއް ނުލިބުމުން އޭނާ "ގެއްލިއްޖެ" އެވެ.
ހޮލީވުޑްގެ ފިލްމު، ފޮރެސްޓް ގަމްޕްގެ ހިންދީ ރިމޭކު ކަމުގައިވާ ލާލް ސިންގް ޗައްދާ އަށް ފްލޮޕްވީ، ފިލްމާ ދެކޮޅަކަށް ގިނަ ބަޔަކު ހިންގި ހަރަކާތްތަކެއްގެ ސަބަބުންނެވެ. މިއީ ފަހުގެ ތާރީހެއްގައި ޖެހިޖެހިގެން އާމިރުގެ ދެ ފިލްމެއް ފްލޮޕްވި ފުރަތަމަ ފަހަރެވެ.
އެ ފިލްމުގެ ކުރިން އާމިރު މަސައްކަތްކުރި "ތަގްސް އޮފް ހިންދުސްތާނީ" އަކީ ބޮޑު ފްލޮޕެކެވެ. ދެހާސް އަށާރައިގައި އެ ފިލްމަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވުމުން އާމިރު ވަނީ ފިލްމީ ދާއިރާ އިން ބޮޑު ބްރޭކެއް ނަގައިފަ އެވެ. އެ ދަނޑިވަޅުގައި ފިލްމު ކުޅުން ހުއްޓާލަން ވެސް އޭނާ ވިސްނި އެވެ. އެކަމަކު އާއިލާގެ އެދުމުގެ މަތިން އެނބުރި އައިސް ފިލްމު ކުޅެން ފެށިއިރު ފުރަތަމަ ފިލްމަށް ވެސް ކުރިމަތިވީ ބޮޑު ނާކާމިޔާބީ އެކެވެ.
ސަޕޯޓަރުންގެ ކިބައިން ފިލްމު ބެލުމަށް ޕްރޮމޯޝަން އިވެންޓުގައި އޭނާ ވަނީ އާދޭސް ކޮށްފަ އެވެ. އަދި ބޮއިކޮޓް ނުކުރުމަށް އާމިރު އެދުނީ އޭނާއަކީ އަމިއްލަ ގައުމު ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށް ބުނަމުންނެވެ.
އެ ފިލްމު ރިލީޒް ކުރަން ގާތްވި ވަރަކަށް އާމިރަށް ބިރުން ނުވެސް ނިދޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ސިކުނޑީގެ ތެރޭގައި ނާކާމިޔާބު ވެދާނެ ކަމުގެ ވިސްނުންތައް އެނބުރި ހަމަ ނިދި ނަގައިލިއިރު އެ ވިސްނުމުން ދުރުވާން ފޮތް ކިޔަން ފެށި ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު މި ފަހަރު ވެސް ބޮކްސް އޮފީހުން ބޮޑު ނާކާމިޔާބީއެއް ލިބި އާމިރު ވަނީ ދެ މަސް ދުވަހުގެ ބްރޭކެއް ނަގާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ އުޅެނީ އެމެރިކާ އަށް ދެ މަސް ދުވަހުގެ ބޮޑު ބްރޭކަކަށް ފުރުމަށް ކަމަށް ވެ އެވެ.
ދެން ފިލްމީ މަސައްކަތާ ގުޅޭނީ ޗުއްޓީއަކަށް ފަހު ކަމަށް އޭނާގެ ގާތް މީހުން ބުނެފައި ވެ އެވެ.
ލާލް ސިންގް ޗައްދާއަށް އިންޑިއާގައި ތަރުހީބު ކުޑަޔަސް ދުނިޔޭގެ މާކެޓްގައި ވަރަށް ރަނގަޅު ތަރުހީބެއް ދަނީ ލިބެމުންނެވެ. އިންޑިއާގައި އެންމެ ހިނގި ފިލްމުތައް ދުނިޔޭގެ މާކެޓްގައި އެ ފިލްމު ވަނީ ވައްޓާލައިފަ އެވެ. އަދި މިވަގުތު އެއީ ބައިނަލްއަގްވާމީ މާކެޓްގައި މި އަހަރު އެންމެ ހިނގި ހިންދީ ފިލްމެވެ.