ޓެން ހަގް ޕްލޭނުގައި ރޮނާލްޑޯ ނުހިމެނެނީތަ؟
ޓެން ހަގް ޕްލޭނުގައި ރޮނާލްޑޯ ނުހިމެނެނީތަ؟

ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ލިވަޕޫލް އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މާ ބޮޑު ފުރުސަތު ނުލިބުނަސް އެ ޓީމުގައި އޭނާގެ ކުރިމަގު އެބައޮތް ކަމަށް ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

ޔުނައިޓެޑަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފައިނުވާތީ ރޮނާލްޑޯ ވަނީ އެ ޓީމު ދޫކޮށްލަން މަސައްކަތްކޮށްފަ އެވެ. ވަރަށް ގިނަ ދުވަހު ޕްރެކްޓިހަށް ނުނުކުމެ ވެސް ހުއްޓެވެ. އެކަމަކު ބޮޑު ކްލަބަކުން ރޮނާލްޑޯ ގެންދަން ބޭނުންނުމުން އެންމެ ފަހުން ޕްރެކްޓިހަށް ނުކުތީ އެވެ.

ރޮނާލްޑޯ ހިމެނިގެން ޔުނައިޓެޑް ކުޅުނު ފުރަތަމަ ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އެކަމަކު އޭނާ ހައެއްކަ މިނެޓު ކުޅުނު މެޗުން ޔުނައިޓެޑް ވަނީ ގަދަފަދަ ލިވަޕޫލް އަތުން މޮޅެއް ހޯދުމުގެ އިތުރުން މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. މާކަސް ރަޝްފޯޑާއި ޖޭޑަން ސަންޗޯ އަދި އެންތަނީ އެލަންގާގެ ފޯވާޑް ލައިނުން ވަނީ ޓެން ހަގް ބޭނުންވާ ހަލުވި، އެގްރެސިވް ކުޅުން ދައްކައިފަ އެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ އަށް އެ ކުޅުން މިހާރު ދެއްކިދާނެތޯ ސުވާލު އުފެދެ އެވެ.

އެހެންވެ މި ސީޒަނުގައި ޓެން ހަގްގެ ޕްލޭނުގައި ރޮނާލްޑޯ ނުހިމަނަފާނެ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެކަމަކު ޓެން ހަގް ވަނީ މީޑިއާގައި އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެން ދެކޭ ގޮތުގައި އޭނާ އަށް (އަހަރެންގެ ޕްލޭނުގައި) ބައިވެރިވެވޭނެ. ރޮނާލްޑޯގެ މުޅި ކެރިއަރުގައި އޭނާ އެތައް ކޯޗުންނާ އެކު އެތައް ސްޓައިލަކާއި އެތައް ސިސްޓަމެއްގެ ތެރޭ މޮޅު ކުޅުމެއް ދެއްކި. އެހެންވެ އޭނާ އަށް މިހާރު ކީއްވެ ނުވާންވީ؟،" ޓެން ހަގް ބުންޏެވެ.

"އޭނާގެ އުމުރަކީ މައްސަލައެއް ނޫން."

ޓެން ހަގް ބުނީ ބޮޑު ސްކޮޑެއް އޮންނައިރު އެ މެޗަކަށް ނަގާނީ އެ މެޗެއްގެ ސްޓައިލާއި ސިސްޓަމަށް އެންމެ ފެތޭ ކުޅުންތެރިން ކަމަށާއި، ދެން އަންނަ މެޗެއްގައި ތަފާތު ކުޅުންތެރިން ފެނިދާނެ ކަމަށެވެ.

އެ މެޗުގައި ކެޕްޓަން ހެރީ މެގުއާ އަށް ވެސް ފުރުސަތު ދިނީ ބެންޗުންނެވެ. ސަޕޯޓަރުންގެ ފާޑުކިއުން އަމާޒުވެފައިވާ މެގުއާގެ ކުރިމަގާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

"ވަރަށް އުނދަގޫ (އެ ދެ ކުޅުންތެރިން ބެންޗަށް ލާން). އެކަމަކު އަހަރެން ނިންމުންތައް ނިންމަން ޖެހޭ. އެއީ ވަރަށް މޮޅު ދެ ކުޅުންތެރިން. އެ ދެ ކުޅުންތެރިންނަށް ފުރުސަތު އޮންނާނެ ކުރިމަގުގައި،" ޓެން ހަގް ބުންޏެވެ.