25 އޯގަސްޓް 2022 - 11:36

އެތުލެޓިކްސްގެ ތުރޯއިން އިވެންޓްތަކުގެ އެންމެ ކާމިޔާބު އެތުލީޓް ހަސަން ޝަމްއޫން ބަލި ކުރުމަށް ފަހު އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޖެވެލިން ތުރޯގެ އެއްވަނަ ރައުހަތު އެކަޑަމީގެ ސުޒޭން މުހައްމަދު މިއަދު ހޯދައިފި އެވެ.

ޖެވެލިން ތުރޯގެ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ޝަމްއޫން ދިޔައީ ތިންވަނަ އަށެވެ. މިއަދު ހެނދުނު ބޭއްވި ފައިނަލު އިވެންޓްގައި ސުޒޭން ވަނީ 41.74 މީޓަރަށް އެއްލާފަ އެވެ. އޭނާ ހޯދީ 10 ޕޮއިންޓެވެ.
ހައި ޖަމްޕުން މިދިޔަ އަހަރު ގައުމީ ޓީމުގައި ވެސް ހިމެނުނު ސުޒޭން، 20، ގެ ހާއްސައީ ހައި ޖަމްޕަށެވެ. ގދ. ތިނަދޫގެ އެތުލެޓިކްސް ޕޫލްގައި ހިމެނޭ ސުޒޭން އަލުން މުބާރާތްތަކަށް ނުކުތީ ގާތްގަނޑަކަށް އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ތިނަދޫ ރީޖަންގެ ކޯޗު އަދި ރައުހަތު ސްޕޯޓްސް އެކަޑަމީގެ ހެޑް ކޯޗު ރައުހަތު ގުދުރަތުﷲ ބުނި ގޮތުގައި ސުޒޭން ޖެވެލިން ތުރޯގެ ޕްރެކްޓިސް ފެށީ އަނިޔާއިން ރިކަވާވަމުން ދިޔަ ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގައި ކަމަށެވެ.
"އޭނަގެ ހާއްސަ އިވެންޓަކީ ހައި ޖަމްޕް. އެކަމަކު މިހާރު އޭނާ ޖެވެލިން ތުރޯ އަށް ވެސް ފިޓް ކުރަން އެބަ މަސައްކަތް ކުރަން. އެންމެ އަވަހަށް އޮތް ޓާގެޓަކީ ހައި ޖަމްޕުގެ ގައުމީ ރެކޯޑް،" ނިމިދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ލޯންގު ޖަމްޕުގެ ގައުމީ ރެކޯޑް ހެދި ނާހިލް ނިޒާރު އަށް ވެސް ކޯޗު ކޮށްދޭ ރައުހަތު ބުންނެވެ.
ސްޕްރިންޓް ރޭސްތަކުގައި އަރަމުން އަންނަ ދުވުންތެރިޔާ އިބާދުﷲ އާދަމް އަށް ވެސް ކޯޗުކޮށްދިން ރައުހަތު ބުނީ މިފަހަރުގެ މުބާރާތުގައި އެހެން އިވެންޓްތަކުން ވެސް ރައުހަތު ސްޕޯޓްސް އެކަޑަމީގެ އެތުލީޓުން ވިދާލާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މިއަދުގެ ފައިނަލުގައި ދެވަނަ ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްއިން ވާދަ ކުރި މާހިލް މުހައްމަދެވެ. އޭނާ އުކީ 38.84 މީޓަރު ދުރުމިނަށެވެ. ގައުމީ މުބާރާތުގެ 2016 ގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ މަގާމު ހޯދި ޝަމްއޫން އަށް އެއްލުނީ 38.39 ދުރު މިނަށެވެ. އޭނާ އަށް ލިބުނީ ހަ ޕޮއިންޓެވެ. މާހިލް އަށް އަށް ޕޮއިންޓެވެ. މިއީ މިދިޔަ އަހަރު ގައުމީ މުބާރާތުގެ ތުރޯއިންގެ ހުރިހާ ރަން މެޑަލްއެއް ހާސިލު ކުރި ޝަމްއޫން އެސޯސިއޭޝަން ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
އަންހެނުންގެ ޖެވެލިން ތުރޯގެ އެއްވަނަ އާއި ދެވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް ޓީމުގެ އެތުލީޓުންނެވެ. އެއްވަނަ ހޯދި އާނާ އިބްރާހިމް ވަނީ 24.57 މީޓަރު ދުރަށް އެއްލާފަ އެވެ. ދެވަނަ ހޯދީ މަރްޔަމް ލަމްހާ އެވެ. އޭނާ އެއްލީ 23.30 މިޓަރު ދުރު މިނަށެވެ. ތިންވަނަ ހޯދީ ކޭވައި ސްޕޯޓްސް އެކަޑަމީގެ ނީޝާ ހަލީމެވެ. އޭނާ ވަނީ 20.55 މީރަރު ދުރުމިނަށް އުކާފަ އެވެ.
މިއަދު ޓްރެކް އިވެންޓްތަކުގައި ފިރިހެނުންގެ 4 ގުނަ 400 މިޓަރުގެ ރިލޭގެ ފައިނަލުގައި ސާއިދު ސްޕޯޓްސް އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނާ ވާދަކޮށް އެއްވަނަ ހޯދީ ސިފައިންގެ ކްލަބެވެ. ސިފައިންގެ ޓީމުން ރޭސް ނިންމީ 3 މިނެޓާއި 30.21 ސިކުންތުންނެވެ. ދެވަނަ ހޯދި ސާއިދު ސްޕޯޓްސް ރޭސް ނިންމީ 3 މިނެޓާއި 36.01 ސިކުންތުންނެވެ. ޓްރެކް އެންޑް ފީލްޑަށް ރޭސް ނިންމުނީ 3 މިނެޓާއި 39.45 ސިކުންތުންނެވެ.
އަންހެނުންގެ 4 ގުނަ 400 މީޓަރުގެ ރިލޭގެ އެއްވަނަ ހޯދީ 4 މިނެޓާއި 38.66 ސިކުންތުން ރޭސް ނިންމި އައިލެންޑް ރަނާސް އެވެ. ހަތަރު ޓީމު ވާދަ ކުރި ރޭހުގެ ދެވަނަ ހޯދީ ޓްރެކް އެންޑް ފީލްޑެވެ. އެ ޓީމުން ރޭސް ނިންމީ 4 މިނެޓާއި 48.23 ސިކުންތުންނެވެ. ތިންވަނަ ހޯދީ ކުޑަ ހުސައިން ސްޕޯޓްސް އެކަޑަމީން ރޭސް ނިންމީ 5 މިނެޓާއި 14.20 ސިކުންތުންނެވެ. ހަތަރުވަނަ ހޯދީ ކޭވައި ސްޕޯޓްސް އެކަޑަމީ އެވެ. އެ ޓީމުން ރޭސް ނިންމީ 5 މިނެޓާއި 41.64 ސިކުންތުންނެވެ.
މެންދުރު ފަހުގެ އިވެންޓްައް ފަށާނީ 3 ޖަހާއިރު އެވެ. މުބާރާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.