25 އޯގަސްޓް 2022 - 11:31

ވީބޯ، ޑެންމާކް (އޮގަސްޓް 25) - ފްރާންސްގެ ލިޔޯން އަށް ކުޅޭ ބްރެޒިލް ގައުމީ ޓީމުގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ހޯދަން ބިޑު ކޮށްފައި ވާކަމަށް ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮޔެސް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވެސްޓް ހޭމް އިން ހުށަހެޅީ 50 މިލިއަން ޔޫރޯ އެވެ. އެކަމަކު ލިޔޯން އިން 60 މިލިއަން ޔޫރޯ އަށް ވުރެ ކުޑަ އަގަކަށް އޭނާ ވިއްކާލަން ބޭނުމެއް ނުވެ އެވެ. އަނެއްކޮޅުން ޕަކޭޓާ ވިއްކާލައިފި ނަމަ އޭގެ 15 ޕަސެންޓް ކުރިން އޭނާ ކުޅުނު އޭސީ މިލާނަށް ދޭން ޖެހެ އެވެ. އެއީ 2020 ވަނަ އަހަރު މިލާނުން ޕަކޭޓާ ވިއްކާލިއިރު ކުރި ޝަރުތެކެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 31 މެޗު ކުޅެދީ، ހަތް ގޯލު ޖަހައިދީފައިވާ އުމުރުން 24 އަހަރުގެ ޕަކޭޓާ ވަނީ ލިޔޯން ގައި މިދިޔަ ސީޒަނުގައި 35 މެޗުން ނުވަ ގޯލު ޖަހައި ހަ ގޯލު އެސިސްޓް ކޮށްދީފަ އެވެ. އަދި މިދިޔަ ސީޒަނުގައި ވެސްޓް ހޭމް އިން ޔޫރޮޕާ ލީގް ކުއާޓާ ފައިނަލުގައި ލިޔޯން އާ ދެކޮޅަށް ކުޅުނު ދެ ލެގުގައި ވެސް އޭނާ ކުޅުނެވެ.
ވެސްޓް ހޭމް އިން ވަނީ މި ހަފްތާގައި، ޗެލްސީ އަށް ކުޅޭ އިޓަލީގެ ވާތު ބެކް އެމަސަން ޕަލްމޭރީގެ ސޮއި ވެސް ހޯދައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެމަސަން އަށް އެޓީމުން 18 މިލިއަން ޔޫރޯ ދިނެވެ.
މީގެ އިތުރުން އިޓަލީ ގައުމީ ޓީމުގެ ފޯވާޑް ޖިއާންލޫކާ ސްކަމާކާ ގެ ސޮއި ވެސް އެ ޓީމުން ވަނީ ހޯދައިފައި ވެއެވެ.
"އަހަރެމެން ބިޑު ކޮށްފިން ވަރަށް ގިނަ ކުޅުންތެރިންނަށް އެކަމަކު އެ އެންމެންގެ ނަން ކިޔައިފި ނަމަ ތި އެންމެން ހޭން ފަށާފައި ބުނާނެ ސަމާސާ ކުރަނީއޭ،" ވެސްޓް ހެމްގެ ކޯޗު މޮޔެސް ބުންޏެވެ.
މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގް ފައިނަލުގައި ކުޅުނު ވެސްޓް ހޭމް އަށް މި ސީޒަނުގައި ކުޅެން ޖެހިފައި ވަނީ ކޮންފަރެންސް ލީގު ޕްލޭއޮފެވެ. ވީބޯއާ ދެކޮޅަށް ލަންޑަނުގައި ކުޅުނު ފުރަތަމަ ލެގު ވެސްޓް ހޭމް ވަނީ 3-1 އިން ކާމިޔާބު ކޮށްފަ އެވެ. އެއީ ވެސްޓް ހޭމް މި ސީޒަނުގައި ލަނޑެއް ޖެހި ފުރަތަމަ މެޗެވެ. އެ މެޗުގައި ވެސްޓް ހޭމްގެ ލަނޑުތައް ޖަހައިދިނީ ސްކަމާކާ އާއި ޖަރޯޑް ބޯވެން އާއި އެންޓޯނިއޯ އެވެ.
ކޮންފަރެންސް ލީގު ޕްލޭއޮފްގައި މޮޅު ވިއަސް، ލީގުގައި އެޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ލަނޑެއް ނުޖެހި ބަލިވެފަ އެވެ.