24 އޯގަސްޓް 2022 - 21:39

އެމްޓީ ސީސީ އުތުރު ލީގު ދެވަނަ ޑިވިޝަނުގެ ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި މިއަދު ދުވާފަރު ސްޅޯޓް ކްލަބުން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް އަލިފުށީ ރެކްރިއޭޝަން ކްލަބުން ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށްފި އެވެ.
ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އުތުރު ލީގު ދެވަނަ ޑިވިޝަނުގެ ފުރަތަމަ ތިން ގުރޫޕުގެ ކުޅުން ނިމިފައި ވަނީ ނިމިފަ އެވެ. ރ. އަތޮޅުގެ ޓީމުތައް ވާދަކުރާ ގުރޫޕު ޑީ ގައި އަލިފުށްޓާއި ދުވާފަރުގެ އިތުރުން ދެން ހިމެނެނީ އުނގޫފާރު ފުޓުބޯޅަ ކުލަބެވެ.
އަލިފުށީ ދަނޑުގައި ކުޅުނު މެޗު ފަށައިގެން އަލިފުށިން ކުރިއަށް ޖެހިގެން ހަމަލާތަކެއް އުފެއްދި ނަމަވެސް ދުވާފަރުން ވަނީ ވަރަށް ކުރީކޮޅު ދެ ގޯލު ޖަހައި ލީޑު ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތް ބުރު ސްޕޯޓްސް ކުލަބަށް ހޯދައިދިން ކޯޗު އަހުމަދު ނިމާދު (ނިމާ) ގެ އިރުޝާދުގެ ދަށުން ކުޅުނު ދުވާފަރަށް ދެ ލަނޑު ވެސް ޖަހައިދިނީ އިސްމާއިލް އަހުމަދެވެ.
އިސްމާއިލް އޭނާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ހަތަރުވަނަ މިނިޓުގައި ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭޖެހުމެއް، ފާރަށް އެތުރިގެން ތިބި ކުޅުންތެރިން ތެރެއިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އަދި ދެވަނަ ލަނޑު 16 ވަނަ މިނިޓުގައި ޖެހީ އަލިފުށްޓަށް ލިބުނު ގޯލް ކިކެއްގައި ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، ދުވާފަރުގެ މުހައްމަދު އަލީ ފޮނުވާލި ބޯޅަ ކީޕަރު ގައިގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.
ދުވާފަރުގެ ދެ ގޯލަށް ފަހު ވެސް އަލިފުށިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. އެޓީމުން ފަރަގު ކުޑަކުރީ 18 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުންނެވެ. ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުން ކީޕަރު ބޯ މަތިން ގޯލުތެރެއަށް ފޮނުވާލައިގެން އަލިފުށީގެ ފުރަތަމަ ލަނޑު ޖަހައިދިނީ އާދަމް އިމްރާން (އިންނަ) އެވެ.
އަލިފުށިން އެއްވަރު ކުރި ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޖެހީ ރަޒާން އަލީ އެވެ. އޭނާ މި ލަނޑު ޖެހީ އިސްމާއިލް ފުރުގާން (ފުގޭ) ތިރިތިރިން ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ މުޅިން ހުސްކޮށް ހުރެ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގައި ދެ ޓީމަށް ވެސް އިތުރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.
ގުރޫޕުގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު، ދުވާފަރާއި އުނގޫފާރު ބައްދަލު ކުރާނެ އެވެ.