24 އޯގަސްޓް 2022 - 20:30

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް އެސްއޯއެފް ކުންފުނީގެ އެކައުންޓް ބޭނުންކުރި މައްސަލައާ ގުޅިގެން ފްރީޒްކޮށްފައިވަނިކޮށް އެ އެކައުންޓް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެސްއޯއެފް ކުންފުނީގެ އެކައުންޓް ފްރީޒްކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.
ސިވިލް ކޯޓުން އޭރު ވަގުތީ އަމުރެއް ނެރުނީ އެމްއެމްޕީއާރުސީ އަށް މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެ ފައިސާ ހޯދަން ދައުލަތުން ދައުވާކޮށް ވަގުތީ އަމުރަކަށް އެދުމުންނެވެ.
އެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ "މިހާރު" އަށް ވިދާޅުވީ ސިވިލް ކޯޓުން އެސްއޯއެފްގެ އެކައުންޓް އަންފްރީޒްކުރުމަށް މިމަހުގެ ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސްއަށް އަންގާފައިވާކަން އެނގިފައިވާ ކަމަށެވެ.
"އޭސީސީއަށް ވެސް ތަހުގީގުގެ ތެރޭގައި އުޅޭތީ އެނގުނީ އެސްއޯއެފްގެ އެކައުންޓް އަންފްރީޒްކުރުމުގެ އަމުރުކޮށްފައިވާކަން."
އެހެންވެ، ފްރީޒްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ނިޝާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ފްރީޒްކުރަން ކުރަން ޖެހޭ ކަންކަން ކުރަމުން. އެކައުންޓުގައި ލާރި ހުރިތޯ ބަލާފައި އެކައުންޓް ފްރީޒްކުރުމުގެ އަމުރަކަށް އެދެން މަސައްކަތް މިކުރަނީ."
ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އަންނަ ހަފްތާގައި އެ އެކައުންޓް ފްރީޒްކުރުމުގެ އަމުރު ހޯދުމަށް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިވިލް ކޯޓުން އެސްއޯއެފްގެ އެކައުންޓް ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ކޮން ފަރާތަކުން އެދިގެން ކަމެއް ސާފެއް ނުވެ އެެވެ. އަދި އެ އެކައުންޓް ދޫކޮށްލިއިރު އޭގައި ކިހާ ފައިސާއެއް ހުރި ކަމެއް ވެސް ސާފެއް ނުވެ އެވެ.
އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކޮށް، މަނީ ލޯންޑާކުރި އެންމެ ވަރުގަދަ ފަރާތް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނި ނަމަވެސް އެ ކުންފުނީގެ އިސް ފަރާތްތަކަށް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ. އެގޮތަށް އެކަންކުރީ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ހެކި ހޯދުމުގެ ގޮތުން ކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ.
ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "އެސެޓް ރިކަވަރީ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެއްދެވީ ނޮވެމްބަރު 2018 ގަ އެވެ.
އެކަމަކު ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ބަލައި ގެއްލުން ހޯދާނެ ކަމުގެ ވައުދުވިޔަސް ކޮމިޝަނުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ނުކުރެވި އެ ކޮމިޝަން ވަނީ އުވާލައިފަ އެވެ. މިހާނަތަށް އެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ނުހޯދެ އެވެ.
އެންމެ ފަހުން މިހާރު އެ މައްސަލަ ބަލަމުންދަނީ އޭސީސީންނެވެ.