25 އޯގަސްޓް 2022 - 08:38

ދުނިޔޭގެ އެންމެ ބޮޑު ޔޫޓިއުބަރުންގެ ތެރޭގައި ހިމެނޭ "މިސްޓަ ބީސްޓް" ރާއްޖެ އަތުވެއްޖެ އެވެ.
ޔޫޓިއުބްގައި އެކަނި ވެސް ޖުމްލަ 103 މިލިއަން ސަބްސްކްރައިބަރުން ތިބި މިސްޓަ ބީސްޓް ނުވަތަ އަސްލު ނަމުން ނަމަ ޖިމީ ޑޯނަލްޑްސަން ރާއްޖެ އައީ އިއްޔެ އެވެ.
ރާއްޖެ އައިސް ޓްރާންސް މޯލްޑިވިއަން އެއާޕޯޓު ސަރަހައްދުގައި އުޅެނިކޮށް ބަޔަކަށް ވަނީ އޭނާ ފެނިފަ އެވެ. މިސްޓަ ބީސްޓް ރާއްޖެ އައީ އޭނާގެ ޓީމާ އެކުގަ އެވެ. އޭނާ އާންމުކޮށް ތަންތަނަށް ދަތުރުކޮށް އުޅެނީ އޭނާ އާއެކު ވީޑިއޯތަކުގައި މަސައްކަތް ކުރާ ހާއްސަ ޓީމާ ވެސް އެކު އެވެ.
މިސްޓަ ބީސްޓް ރާއްޖެ އައީ ކީއްކުރަން ކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް ޔޫޓިއުބް ވީޑިއޯތައް ހެދުމަށް އޭނާ އާއި އޭނާގެ ޓީމް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް އުޅެ އެވެ. ބެލެވޭ ގޮތުގައި އޭނާ ރާއްޖެ އައީ ވެސް ކޮންމެވެސް ވީޑިއޯ އެއް ތައްޔާރު ކުރުމަށް ކަމަށް ބެލެވެ އެވެ.
މިސްޓަ ބީސްޓް މަޝްހޫރު ވެފައިވަނީ އާންމުންގެ ތެރޭގައި އާންމުން ބައިވެރިކޮށްގެން ތަފާތު އެކި ކަހަލަ ކޮންޓެސްޓުތައް ބާއްވައި، ވީޑިއޯތައް ހަދާ ޔޫޓިއުބަރެއްގެ ގޮތުގަ އެވެ. އޭނާއަށް އެހާ ބޮޑު މަގުބޫލު ކަމެއް ލިބިފައިވަނީ ވަނަތަކަށް އަންނަ މީހުންނަށް ފައިސާގެ ބޮޑެތި އިނާމުތައް ދޭތީ އެވެ.
އެންމެ ފަހުން އޭނާގެ ފާހަގަކޮށްލެވޭ ވީޑިއޯއަކީ އޭނާގެ 100 މިލިއަން ވަނަ ސަބްސްކްރައިބަރަށް ދިން ހަދިޔާ އެވެ. އޭނާގެ 100 މިލިއަން ވަނަ ސަބްސްކްރައިބަރަށް ހަދިޔާއެއްގެ ގޮތުގައި ވަނީ ރަށެއް ދީފަ އެވެ.