24 އޯގަސްޓް 2022 - 15:41

އެކި ބަލިތަކަށް ޓެސްޓުކުރަން ބޭނުންވާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެކި ބަލިތަކަށް ޓެސްޓު ކުރާ ހާއްސަ ޕެކޭޖުތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފު ކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ ހެލްތު ސްކްރީނިން ޕެކޭޖުތަކުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ޕެކޭޖުތަކާއި، ފިރިހެނުންނަށް ހާއްސަ ޕެކޭޖުތަކާއި، އާއްމު ދުޅަހެޔޮކަމުގެ ޕެކޭޖަކާއި ހާޓް ސްކްރީނިން ޕެކޭޖެއް ހިމެނެ އެވެ. އެ ހޮސްޕިޓަލުން ފިރިހެނުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "ވެލް މޭލް" ޕެކޭޖަކީ ފިރިހެނުންގެ މެދުގައި އާއްމު ބަލިތަކުގެ ޓެސްޓުތައް ހިމެނޭ ޕެކޭޖެކެވެ. ޕެކޭޖުގެ ދަށުން ކްލިނިކަލް އެގްޒާމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން، އޯ.ޕީ.ޑީ ކޮންސަލްޓޭޝަން އަދި ލެބޯޓްރީގެ ހިދުމަތް ލިބޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
އަންހެނުންނަށް ހާއްސަކޮށް ހަދާފައިވާ "ވެލް ވުމަން" ޕެކޭޖު ވަނީ ދެ ބަޔަކަށް ބަހާލައިފަ އެވެ. އެއީ 18 އަހަރާއި 34 އަހަރާ ދެމެދަށް ހާއްސަ ކޮށްފައިވާ ޕެކޭޖަކާއި 35 އަހަރުން މަތީގެ ޕެކޭޖެކެވެ. އެ ހޮސްޕިޓަލުން ބުނީ "ވެލް ވުމަން ޕެކޭޖު" ދެ ބަޔަކަށް ބަހާފައި ވަނީ އަންހެނުންނަށް ވަކި އުމުރުތަކެއްގައި ކުރިމަތިވާ މައްސަލަތައް ހުންނާތީ ކަމަށެވެ. އެ ޕެކޭޖުގެ ދެ އުމުރުފުރަ އަށް ވެސް ކްލިނިކަލް އެގްޒާމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން، އޯ.ޕީ.ޑީ ކޮންސަލްޓޭޝަން އަދި ލެބޯޓްރީގެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އާއްމު ބަލިތަކަށް ޓެސްޓުކުރުމާއި، އާއްމު ދުޅަހެޔޮކަން ދެނެގަތުމަށް އެ ހޮސްޕިޓަލުން ތައާރަފު ކޮށްފައިވާ "ހެލްތީ ލިވިން" ޕެކޭޖުގައި ބޭސިކް ޕެކޭޖަކާއި، އެޑްވާންސް ޕެކޭޖެއް ހިމެނެ އެވެ. އެތަނުން ބުނީ އެ ދެ ޕެކޭޖުން ވެސް ގިނަ ބަލިތަކަކަށް ޓެސްޓުކޮށްދޭ ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ.
ހިތުގެ ބަލިތަކަށް ހާއްސަކޮށް ޓްރީ ޓޮޕުން ތައްޔާރުކޮށްފައިވާ "ހާޓް ސްކްރީނިން ޕެކޭޖަކީ" ހިތުގެ އާއްމު އެކި ބަލިތަކަށް ސްކްރީނު ކުރާ ގިނަ ޓެސްޓުތަކެއް ހިމެނޭ ޕެކޭޖެކެވެ. އެ ޕެކޭޖުން ހިތގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމާއި، ކްލިނިކަލް އެގްޒާމިނޭޝަންސް ވެސް ހިމެނެ އެވެ.
ޓްރީ ޓޮޕުން ބުނީ، އެ ހޮސްޕިޓަލުން ތައްޔާރު ކުރި ޕެކޭޖުތަކަކީ އާއްމު ދުޅަހެޔޮ ދިރިއުޅުމަކަށް ޑޮކްޓަރުން ލަފާދޭ އެކި ބަލިތަކަށް ފަސޭހައިން ސްްރީނު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުކޮށްފައިވާ ޕެކޭޖުތަކެއް ކަމަށެވެ.