24 އޯގަސްޓް 2022 - 11:31

ތ. ވޭމަންޑޫ ގޮނޑުދޮށަށް މީގެ މަހެއް ވަރު ކުރިން ލެއްގި ފައިބަރު ބޯޓެއްގެ ވެރިޔަކު ނޭނގިގެން އޭގެ ވެރިފަރާތް ހޯދަން އެ ރަށު ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ރަޝްވާން އާދަމް "މިހާރު" އަށް ވިދާޅުވީ އެ ބޯޓަކީ އެ ރަށުގެ ހުޅަނގު ފަރާތު ފަޅުގައި ވަރަށް ކުރިންސުރެ އަޅާފައި އޮންނަ ބޯޓެއް ކަމަށެވެ. އެކަމަކު، މިދިޔަ މަހު އެ ބޯޓުގެ ވާތައް ކަނޑައިގެން ގޮސް، އެ ރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ގޮނޑުދޮށަށް ބޯޓު ލައްގާފައި އޮތުމުން، އެ ސަރަހައްދުގެ ތިމާވެއްޓަށާއި ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރުބޮޑުވެފައި ވާތީ އެ ބޯޓު ވެރިފަރާތް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރި ނަމަވެސް އަދިވެސް އެކަން ކާމިޔާބުނުވާ ކަމަށް ވިދާޅުވި އެވެ.
"އެއީ މި ރަށު މީހެއްގެ ބޯޓެއް ވެސް ނޫން. ކާކުގެ ބޯޓެއްތޯ ބަލަން ކައުންސިލުން ވަރަށް ގިނަ މަސައްކަތްކޮށްފައި އެކަން ނުވީމަ އިއުލާންކުރީ،" އޭނާ ވިދާޅުވި އެވެ.
"އެ ބޯޓަކީ ވަރަށް ކުރިން. ތ. ފުނައްޑޫގައި މަސް ކިރަން ފެށި ދުވަސްވަރު މި ރަށު ފަޅު ތެރޭގައި އެޅި ބޯޓެއް. އޭރުންސުރެ އެ ބޯޓު އެތަނުގައި އޮތް."
"ސިންދިތާ ނ. 702" ކިޔާ އެ ބޯޓު އޮތީ ވަރަށް ބޮޑަށް ބާވެ، ހަލާކު ވެސް ވެފަ އެވެ. އެ ބޯޓުގައި ރަޖިސްޓްރީ ނަންބަރެއް ވެސް ނެތެވެ.
އެއީ އެ ރަށުގެ އޮޑިދޯނިފަހަރު އެހެލުމާއި ބަނުމުގެ މަސައްކަތް ކުރާ ސަރަހައްދަކަށް ވެސް ވާތީ އެ ބޯޓު އެތަނަށް ލައްގާފައި އޮތުމުގެ ސަބަބުން، އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުންނަށް ވެސް ވަރަށް އުނދަގޫވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ، އެ ބޯޓު ވެރިފަރާތެއްވާ ނަމަ، 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ލިޔުމަކުން އަންގަން ވަނީ އެދިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވެރިފަރާތެއް ނުވެއްޖެ ނަމަ، އެއީ ވެރިޔަކު ނެތް އުޅަނދެއް ކަމަށް ބަލައި، ކައުންސިލުގެ ގަވާއިދުގެ ތެރެއިން އެ ބޯޓު ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް އިއުލާނުގައި ބުންޏެވެ.