ހަތަރު ގަޑިއިރުގެ ޝަރީއަތުގެ ނިމުން ހޫނުކޮށް
ހަތަރު ގަޑިއިރުގެ ޝަރީއަތުގެ ނިމުން ހޫނުކޮށް

ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި ރިޝްވަތުގެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި މިއަދު އޮތީ އެންމެ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. މެންދުރު ފަހު 1:30 ގައި ފަށަން ތާވަލްކުރި އަޑުއެހުން އޭގެ ގަޑިއެއްހާއިރު ފަހުން ފެށުނު އިރު އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުކޮށްފައި އިނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތިން ފޯނުގެ ފޮރެންސިކް އެނަލިސިސް ހެދި ފަރަޑޭ ފޮރެންސިކްސްގެ ޓެކްނިކަލް ޑައިރެކްޓަރު މާކް ރިގްބީ އެވެ.

ހަތަރު ގަޑިއިރުގެ ޝަރީއަތުގެ ނިމުން ހޫނުކޮށް
ހަތަރު ގަޑިއިރުގެ ޝަރީއަތުގެ ނިމުން ހޫނުކޮށް

ލަންޑަންގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ވީޑިއޯ ކޮންފަރެންސްކޮށް ގުޅާލައިގެން ހިންގި ޝަރީއަތުގެ މަޖިލީހުގައި ހެކިވެރިޔާ އަށް އިނގިރޭސި ބަހުން ތަރުޖަމާކޮށްދެމުން އަދި އޭނާގެ ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާކުރަމުން ގެންދިޔަ އެވެ. ފަރަޑޭ ފޮރެންސިކްސް އަށް ފޯނުތައް ލިބުނު ގޮތާއި އެއިން މައުލޫމާތު ނަގައި އެ ބޭނުންކުރި ގޮތާއި އެ ކަމުގައި އަމަލުކުރި އުސޫލުތަކާއި ހަމަތަކާ ބެހޭ ގޮތުން މާކަށް އަމާޒުކުރި ސުވާލުތަކާއި އޭގެ ޖަވާބުތަކަށް ހަތަރު ގަޑިއިރު ހޭދަވިޔަސް މައިގަނޑު ގޮތެއްގައި ދެކެވުނީ އެއް ވާހަކަތަކެކެވެ.

އެކަމަކު ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކުން ކުރި ސުވާލުތަކަށް ފަހު ސުވާލުކުރުމުގެ ފަހު ފުރުސަތު ނުވަތަ ރިއެގްޒެމިނޭޝަން މަރުހަލާގައި ދައުލަތުން ހެކިވެރިޔާއާ ކުރި ސުވާލާ އެކު ޝަރީއަތުގެ މަޖިލީހުގައި ރާގު ބަދަލުވި އެވެ.

ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ސުވާލުކުރެއްވީ ޑޭޓާ ނެގި ފޯނުތަކުގެ "ޑިވައިސް ޓައިމް" އާ ބެހޭ ގޮތުންނެވެ.

"ހެކިވެރިޔާ ކްރޮސް އެގްޒަމިނޭޝަންގައި ވިދާޅުވެއްޖެ ހެކިވެރިޔާ އަށް މި ވަގުތު ޑިވައިސް ޓައިމް ދަންނަވަން ނޭނގޭނެ ކަމަށް. އެހެންނަމަވެސް ޑިވައިސް ޓައިމް، ކްލޮކް ޗެކްކުރި އިރު ބަލާފައި ވާނެ ކަމަށް. ހެކިވެރިޔާ މި ސްޓޭޓްމަންޓާ އެކު ހުށަހަޅާފައިވާ އެއްވެސް އެގްޒިބިޓަކުން އެ ޑިވައިސް ޓައިމް އެނގޭނެ ގޮތެއް އޮންނާނެތޯ،" ނައުފަލް ސުވާލުކުރެއްވި އެވެ.

މި ސުވާލު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ ޔާމީންގެ ވަކީލުންގެ ޓީމުން އަބްދުﷲ ޝިޔާޒް ވަގުތުން ވާޙަކަ ދެއްކެވި އެވެ.

"އެ ސުވާލަކީ ދައުލަތުން އެގްޒަމިން ކުރި އިރުގައި ކޮށްފައި އޮތް ނަމަ ކުރެވޭނެ ސުވާލެއް. އަޅުގަނޑުމެން އެ ސުވާލަށް ޖަވާބެއް ހޯދާކަށް އިތުރަށް މަސައްކަތެއް ނުކުރަން. އެހެންވެ އާ ސުވާލެއްގެ ގޮތުގައި ނުކުރެވޭނެ އެ ސުވާލެއް،" ޝިޔާޒް ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުން ބުނީ ރީއެގްޒަމިން މަރުހަލާގައި އާ ސުވާލު ކުރެވޭނެ ކަމަށާއި ކުރީގެ ޝަރީއަތުގައި ވެސް އެކަން ދައުލަތުން ފާހަގަކޮށްފައިވާނެ ކަމަށެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުންނާއި އަލަށް ފާސްކުރި ހެއްކާ ބެހޭ ގާނޫނުގައި ރީއެގްޒަމިނޭޝަން އަކީ ކޮބައިކަން ބަޔާންކުރާ ކަމަށް ވިދާޅުވެ ނައުފަލް ތަފްސީލް ދެއްވި އެވެ. މި މަރުހަލާގައި ވެސް އާ ސުވާލު ކުރެވޭނެ ކަމަށާއި އެއީ ކްރޮސްއެގްޒަމިނޭޝަންގައި ކުރާ ސުވާލުތަކާ ގުޅިގެން އިތުރަށް ކަމެއް ސާފުކުރަންޖެހިއްޖެ ހިނދެއްގައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރި އެވެ.

އޭގެ ރައްދުގައި ޔާމީންގެ ދިފާއުން ބުނީ ކްރޮސްއެގްޒަމިނޭޝަން އަށް ފަހު ރީއެގްޒަމިނޭޝަންގައި އާ ސުވާލުކުރެވޭނެ ނަމަ މިކަމުގައި ނިމުމެއް ނާންނާނެ ކަމަށެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އޮންނަ ގޮތުން ނަމަ ފުރަތަމަ ސުވާލުކުރުުގެ ފުރުސަތު ދެނީ ދައުލަތަށް ކަމަށާއި އޭގެ ފަހުން ދިފާއުން ސުވާލުކުރުމުން ރީއެގްޒެމިނޭޝަންގެ ގޮތުގައި ފަހު ފުރުސަތު ދައުލަތަށް އޮންނަ ގޮތަށް ކަނޑައަޅައި ދިފާއަށް އިތުރު ފުރުސަތެއް ނޯންނަނީ އެހެންވެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

"ރީއެގްޒަމިނޭޝަންގައި ދައުލަތުން އާ ސުވާލެއް ކުރުމުގެ ފުރުސަތު ލިބޭ ކަމުގައި ވަނީ ނަމަ ކީއްވެގެންތޯ ޖިނާއީ އުޖުރާއަތުގެ ގާނޫނުގައި އޭގެ ފަހުން ދިފާއުއަށް އަނެއްކާ ސުވާލުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައި ނެތީ. ހަގީގަތުގައި، އިއްޒަތްތެރި ފަނޑިޔާރު، މިއީ ނިމުމެއް އޮންނަންޖެހޭނެ ކަމެއް،" ވަކީލް އާދަމް ޝަމީމް ވިދާޅުވި އެވެ. "އަނެއްކާ ދައުލަތަށް އާ ސުވާލުތަކެއް ކުރުމުގެ ފުރުސަތު ލިބޭ ނަމަ، ދިފާއަށް ވެސް އެ ފުރުސަތު ލިބެން ޖެހޭނެ. ނުވަަތަ ވާހަކަ ދައްކަން ފުރުސަތު ދޭން ޖެހޭނެ. އެއީ ދައުލަތުން ހުށަހެޅި ހެއްކެއް ކަމަށް ވާތީ."

އިސް ގާޒީ ޝަކީލް ވިދާޅުވީ މީގެ ކުރިން ދައުލަތުން ބައިވެރިވި ޝަރީއަތްތަކުގައި ވެސް ހެކިބަސް ނަގާފައިވާ ކަމަށާއި ހެކިބަސް ނަގާ އުސޫލު ދައުލަތަށް ސާފުވާނެ ކަމަށެވެ. އަދި ގާނޫނު މާނަކުރަންޖެހޭ ގޮތް ވެސް ދައުލަތަށް ސާފުވާނެ ކަމަށެވެ.

"ކުރިން ނުކުރާ އާ ސުވާލެއް ކުރުމުން، ދައުވާ ލިބޭ ފަރާތްތަކަށް އެއަކަށް ދިފާއުވުމަށްޓަކައި ދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެ. އެ ހަމަ، އެ އުސޫލުގެ މަތިން ޝަރީއަތް ކުރިއަށް ގެންދާނީ. އެގޮތުގެ މަތިން އެހެންވީމާ އިތުރު އާ ސުވާލެއް ނުކުރެއްވޭނެ. އެކަމަކު ދައުވާ ލިބޭ ފަރާތުން ކޮށްފައި އޮތް ސުވާލަކާ ގުޅިގެން ކަމެއް ސާފުކުރުމަށް ބޭނުންވާ ކަމުގައި ވަނީ ނަމަ ސުވާލުކުރެވިދާނެ. އެހެންނަމަވެސް އާ މައުލޫއަކަށް އާ ސުވާލަކަށް ފުރުސަތެއް ނޭރުވޭނެ،" ގާޒީ ވިދާޅުވި އެވެ.

ގާޒީ މިހެން ވިދާޅުވުމުން، ރިއެގްޒަމިނޭޝަންގައި ކުރެވޭނީ ކޮން ސުވާލެއްތޯ ގާޒީ ވިދާޅުވެދެއްވައިފިއްޔާ ރަނގަޅު ކަމަށް ދައުލަތުގެ ވަކީލް ނައުފަލް ވިދާޅުވި އެވެ. އޭނާ ވަނީ ކުރިން ކޮށްފައިވާ ސުވާލުތައް ތަކުރާރުކުރަންވީތޯ ވެސް އައްސަވައިފަ އެވެ. އެއާ އެކު ގާޒީ ޝަކީލް ވިދާޅުވީ ކުރާނެ ސުވާލެއް އެނގިވަޑައިނުގަންނަވާ ކަމަށް އިށީނދެވަޑައިގަންނަވާނީ ކަމަށެވެ.

"...މިހާރު މި ދަނީ ކޮން މަރުހަލާއެއްގައި ދައުލަތުގެ ވަކީލަށް އެނގިވަޑައިގަންނަވާނެ. ނޭނގޭ ކަމަށް ވަންޏާ އިށީނދެވަޑައިގަންނަވާ،" ގާޒީ ޝަކީލް އެންގެވި އެވެ.

ގާޒީ މިހެން ވިދާޅުވުމުން ވެސް ދައުލަތުގެ ވަކީލް ނައުފަލް ވަނީ ކްރޮސްއެގްޒަމިނޭޝަންގައި ކޮށްފައިވާ ސުވާލަކާ ގުޅޭ ސުވާލެއް ކަމަށްވާ ނަމަ އެ މައުލޫއާ ގުޅޭ ގޮތުން އާ ސުވާލެއް ކުރެވޭނެ ކަމަށް ދެކޭ ކަމަށް ވިދާޅުވެފަ އެވެ. ގާޒީ އަނެއްކާވެސް ވިދާޅުވީ ކުރިން ކޮށްފައިވާ ސުވާލަކާ ގުޅޭ ގޮތުން ކަމެއް ސާފުކުރަން ބޭނުން ނަމަ ސުވާލު ކުރެވިދާނެ ކަމަށާއި އެކަމަކު އާ ސުވާލެއް ކުރުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.

އެ ހިސާބުން ދައުލަތުގެ ވަކީލް ވަނީ ގާޒީގެ ނިންމެވުމަށް އިހްތިރާމްކުރުމުގެ ގޮތުން، އިތުރު ސުވާލެއް ދެން ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އާ ސުވާލު ކުރެވޭނެ ކަމަށް ވިދާޅުވީ ދައުލަތުން އެކަމުގައި ދެކޭ ގޮތް ބަޔާންކޮށް ގާނޫނީ ބޭނުމަށްޓަކައި ކަމަށް ވަކީލް ފަހުން ވިދާޅުވި އެވެ.

އެ ހިސާބުން ހެކިބަސް ނެގުން ނިންމާލެއްވުމަށް ފަހު ގާޒީ ވަނީ މި މަހުގެ 30 ވަނަ ދުވަހު ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން އޮންނާނެކަން އަންގަވައިފަ އެވެ. އޭރު އިރު އޮއްސި ހިނގައްޖެ އެވެ.

ދެން ހެކިބަސް ނަގަން އޮތީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެވެ. މިއަދު އެންމެ ހެކިވެރިއެއްގެ ހެކިބަސް ނަގަން ހަތަރު ގަޑިއިރު ހޭދަވުމުން ދެ ހެކިވެރިޔަކާ ސުވާލުކުރުމަށް ހޭދަވާނެ ވަގުތު އަންދާޒާކޮށް އެކަމަށް ތައްޔާރުވެގެން ކޯޓަށް ވަޑައިގަތުމަށް ގާޒީ އެންގެވި އެވެ.

އާ ރަށުގެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝަވަތު ދިނުމުގެ ދައުވާ ވެސް ކުރެ އެވެ.