23 އޯގަސްޓް 2022 - 17:14

އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހު 30 ގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އާރްޑީސީން މިއަދު ބުނެފި އެވެ.
އާރްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ސްޓޭކްހޯލްޑަރުން ކަމަށްވާ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، ދިރާގު، އުރީދޫ އަދި ފުލުހުންނާ އެކު މިދިޔަ ހަފުތާތަކުގެ ތެރޭގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. މިދިޔަ މަހު އެ މަސައްކަތް ނުފެށި ލަސްވީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.
"އެ މަގު ހެދުމަށް ބޭނުންވާ ސާވޭ އާއި ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު އެ ނިމެނީ. ދާއިމީ ހައްލެއް ލިބޭނެ ގޮތަށް އެ މަގު ހަދަން މަޝްވަރާކުރެވިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ވީހާވެސް ބޮޑަކަށް އަމީނީ މަގުގަ ހުރި ގަސްތަކުގައި އަތްނުލާ ވާގޮތެއް ބަލައިގެން ކޮންމެވެސް ކަމެއް ޖެހިއްޖެ ހާލަތެއްގަ ނޫނީ ގަސް ނުކަނޑާ ވޭތޯ މަސައްކަތް ކުރާނަން."
އަމީނީ މަގަކީ މާލޭގައި އެންމެ ގަސް ގިނަ އެއް މަގެވެ. މަގު ހަދަމުންދާއިރު، އިތުރު ގަސްތައް ވެސް އިންދާނެ ކަަމަށް އާރްޑީސީން ބުންޏެވެ.
މަގުހެދުމުގެ ޕްރޮޖެކްޓުތަކަށް އެ މަގުތަކުގައި ހުންނަ ގަސްތައް ކަނޑާތީ އަބަދުވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެ އެވެ. އެކަމަކު، އާރްޑީސީން ބުނީ އާމީނީމަގު މަރާމާތުކުރާނީ އެއްވެސް ގަހަކަށް ގެއްލުން ނުވާނެހެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޕްލޭންކުރެވިގެން ކަމަށެވެ.
އަމީނީމަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ މަހު ތިނެއްގަ އެވެ. އެ މަޝްރޫއު ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއެޅުމަށާއި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ބަހައްޓާނެ އެވެ.
އަމީނީމަގު ހަދަން ޕްލޭނިން މިނިސްޓްރީން، އާރްޑީސީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ ކައުންސިލުން ބުނީ އެއީ މާލޭގެ މަގުތައް ހެދުމަށް އެ ކައުންސިލުން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން އާރްޑީސީއާ ކުރިން ވެސް ހަވާލުކޮށްފައި އޮތް މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ހުއްޓުނީ ސަރުކާރުން ބަޖެޓު ނުދީގެން ކަމަށް ވެސް ބުންޏެވެ.