ޑޮކްޓަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ
ޑޮކްޓަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ

ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ޑޮކްޓަރަށް ދައްކަން ދިޔަ ކުއްޖަކަށް ފަރުވާދޭން ޑޮކްޓަރު ދެކޮޅު ހެދި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުން ގަދަވެގެން ޑޮކްޓަރަށް ދައްކަން ދިޔަ އެއް އަހަރުގެ ކުއްޖަކު ފަރުވާ ނުދީ، ޑޮކްޓަރު ކޮޓަރީގައި އަރާމުކުރަން އޮތް މައްސަލައެއް ފެންމަތިކުރީ އެ ކުއްޖާގެ ބައްޕަ އެވެ. އެތައް އިރަކު ޑޮކްޓަރުގެ ގާތު އާދޭސްކުރުމުން ވެސް އޭނާ ބުނެފައި ވަނީ އޭނާ "ރެސްޓްކުރަނީ" ކަމަށެވެ.

އެ މައްސަލަ ހޫނުވެފައިވަނިކޮށް އެ މައްސަލަ ބަލަމުންދޭތޯ ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަން ހިނގާދިޔަ ގޮތުގެ ރިޕޯޓް ފޮނުވުމަށް އެ ހެލްތު ސެންޓަރަށް އަންގާފައިވާ ކަމަށާއި ރިޕޯޓަށް ބެލުމަށް ފަހު ޑޮކްޓަރާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"ނޫސްތަކުގައިވާ ގޮތަށް ބަލި މީހަކަށް ފަރުވާދޭން ދެކޮޅު ހަދައިފި ނަމަ، ޑޮކްޓަރާ މެދު ފިޔަވަޅު އަޅާނެ. ރޭގެ ހާދިސާއާ ގުޅިގެން އެކަން ހިނގާދިޔަ ގޮތުގެ ރިޕޯޓް ފޮނުމަށް ވާނީ އަންގާފައި،"

އޮފިޝަލް ވިދާޅުވީ ބަލި މީހަކަށް ފަރުވާދޭން ދެކޮޅު ހެދުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަމަކު އޭނާއާ މެދު އަޅާނެ ފިޔަވަޅެއް އެނގޭނީ ކަން ހިނގި ގޮތް ސާފުކުރުމަށް ފަހު ކަމަށެވެ.

އިހުމާލުވުމުގެ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ބައެއް ޑޮކްޓަރުން ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލާފައިވެ އެވެ.

ހޯރަފުށީގައި ހުރި ނައިޖީރިއާއަށް ނިސްބަތްވާ އެ ޑޮކްޓަރުގެ މައްސަލަ ރޭ ފެންމަތިވުމާ އެކު ވަނީ އެކި ދުވަސްމަތިން ޑޮކްޓަރު ކޮޓަރީގައި ނިދާފައި އޮންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބަލި މީހުން ޑޮކްޓަރު މޭޒު ކައިރީގައި ތިބޭއިރު ވެސް އެ ޑޮކްޓަރު މޭޒުގައި ބޯއަޅާލައިގެން ލޯ މަރައިގެން އޮންނަ މަންޒަރު ފެނެ އެވެ.

އެ ހެލްތު ސެންޓަރުން ބުނެފައިވާ ގޮތުގައި އެ ޑޮކްޓަރާ ގުޅިގެން އެކަހަލަ ގިނަ ޝަކުވާތަކެއް ރޭގެ ހާދިސާކުރިން ވެސް ލިބިފައިވެ އެވެ. އެހެންވެ އޭރު ޑޮކްޓަރަށް ނޯޓިސް ދީފައިވާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.