24 އޯގަސްޓް 2022 - 10:46

އާ ޓާމިނަލްގެ މަސައްކަތަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލް ގަތުން އަވަސް ކުރަން އެމްއޭސީއެލް އިން 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ގެ ލެޓާ އޮފް ކްރެޑިޓް (އެލްސީ) ފެސިލިޓީއެއް ބީއެމްއެލް މެދުވެރިކޮށް ނަގައިފި އެވެ.
ބީއެމްއެލް އިން މި އެލްސީ ނަގާފައިވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. ބީއެމްއެލްގެ މި ހިދުމަތް އެމްއޭސީއެލް އިން ހޯދީ ސަރުކާރުން ގެރެންޓީ ދީގެންނެވެ. އެއް އަހަރު ދުވަހަށް ނެގި އެލްސީ ފެސިލިޓީ އަނބުރާ ދައްކާ އިރު 350،000 ޑޮލަރު (5.4 މިލިއަން ރުފިޔާ) އެރޭންޖްމެންޓް ފީގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.
ޓާމިނަލްގެ މަޝްރޫއަކީ ކުވައިތު ފަންޑާއި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓާއި ސައުދީ ފަންޑުން ލޯނު ނަގައިގެން ހިންގާ މަޝްރޫއެކެވެ. އެހެންވެ ޕޭމަންޓްތައް ހަމަޖެއްސުމުގައި ކޮންމެވެސް ވަރެއްގެ ޑިލޭތައް ބައެއް ފަހަރު ދިމާވެ، ބޭނުންވާ މެޓީރިއަލް ގެންނަން ވެސް ލަސްތަކެއް ދިމާވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެމްއޭސީއެލް އިން ބުނީ، ޓާމިނަލްގެ މަޝްރޫއުއަށް ބޭނުންވާ މެޓީރިއަލް ގަތުމަށް އެލްސީއެއް ހޯދީ ކޮންޓްރެކްޓަރަށް ތަކެތި އަވަހަށް ގެންނަން ބޭނުންވާ ޕޭމެންޓުތައް ބޭނުންވާ އިރަކު ލިބޭނެ ގޮތް ފަހިކުރުމަށް ކަމަށެވެ.
"ޕޭމެންޓްތައް ލަސްވާތީ، ޓައިމްލީ ޕޭމެންޓްތައް ދެއްކޭނެ ގޮތް ފަހިކޮށް މެޓީރިއަލްތައް ގެނެވޭނެ ގޮތް މިހެދީ. މި އެއްޗަކީ ލޯނެއް ނޫން. އެލްސީ ހިދުމަތް ނެގުމުން އެމްއޭސީއެލް އިން މިދެނީ ޕޭމެންޓް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރަށް،" އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސަރުކާރުން ގެރެންޓީ ދީގެން، ބީއެމްއެލް އިން އެލްސީ ހިދުމަތް ހޯދުމުން، ކަނޑަައެޅިފައިވާ އުސޫލާ އެއްގޮތަށް ބީއެމްއެލް މެދުވެރިކޮށް، ކޮންޓްރެކްޓަރަށް ވަގުތުން ޕޭމެންޓްތައް ހަމަޖައްސައިދެވޭނެ އެވެ.
ބީއެމްއެލް އިން އެ ފައިސާ ހޯދީ، ކޮންސްޓްރަކްޝަން މެޓީރިއަލް ގެންނާށެވެ. ބީއެމްއެލް އިން ލެޓާ އޮފް ކްރެޑިޓް ނެގީ ޓާމިނަލްގެ މަޝްރޫއުއަށް ބޭނުންވާ ތަކެތި ގެންނަ އިރު ވަގުތުން ޕޭމެންޓް ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ.
ލެޓާ އޮފް ކްރެޑިޓް ނެގުމުން 386 މިލިއަން ރުފިޔާ އެއް ފަހަރާ ބޭނުން ކުރުމުގެ ބަދަލުގައި ތަކެތި ގަންނަ ވަރަކުން ޕޭމެންޓްތައް ބީއެމްއެލް އިން ހަމަޖައްސައިދޭނެ އެވެ.
އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލް ނިންމާ ގޮތަށް އެންމެ ފުރަތަމަ އޮތީ މި އަހަރަށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް މިހާރު ވަނީ ލަސްވެފަ އެވެ. ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޓާމިނަލަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެ އެވެ.