04 ޖެނުއަރީ 2017 - 15:08

އެކި ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ރާއްޖޭން ޗައިނާ އަށް ތާއީދު ކުރާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރާއްޖޭން އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި، ޗައިނާގެ ސިލްކް ރޫޓުގެ އިތުރުން، ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ޗައިނާ އަށް ތާއީދުކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ ބަދަލުގައި، ޗައިނާ އިން ރާއްޖޭގެ މިނިވަންކަމަށް ތާއީދު ކުރަން. އަދި ރާއްޖޭގެ ކުރިމަގު ބައްޓަން ކުރާނީ ދިވެހިން ބޭނުންވާ ގޮތަށް ކަމަށް ދެކޭ އުސޫލަށް ފުރިހަމަ އަށް އެއްބާރުލުން ދެން،" އާ އަހަރު ފެށުމުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކަކާއި ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށް ވާ އެމެރިކާ އިން ވެސް ޝައުގުވެރިވާ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ރާއްޖޭން މީގެ ކުރިން އެއްވެސް ކޮޅެއް ނަގާފައެއް ނުވެ އެވެ.
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލުން ވަނީ ޗައިނާއާ ދެކޮޅަށް މިދިޔަ ޖުލައި މަހު ނިންމައިފަ އެވެ. ދެކުނު ޗައިނާ ކަނޑު ޗައިނާ އިން ވެރިކޮށްގެން އުޅޭތީ އެ ކަނޑުގެ މިލްކުވެރިކަމާ މެދު ކޯޓް އޮފް އާބިޓްރޭޝަނުން ގޮތެއް ނިންމައިދިނުމަށް ފިލިޕީންސުން 2013 ވަނަ އަހަރު ހުށަހެޅި އެ މައްސަލައިގައި އެދުނީ ޗައިނާ އިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ޗައިނާ އިން އެ ކަނޑުގެ ސަރަހައްދު ވެރިކޮށްގެން ނޫޅެވޭނެ ކަމަށް ނިންމައި ދިނުމަށް ވެސް ފިލިޕީންސް އިން ހުށަހެޅި އެވެ.
ޓްރައިބިއުނަލުން ފިލިޕީންސާ އެއްކޮޅަށް ނިންމި ނިންމުން ޗައިނާ އިން ގަބޫލެއް ނުކުރެ އެވެ. އެ ޓްރައިބިއުނަލްގެ ނިންމުންތަކަށް ގާނޫނީ ގޮތުން އަމަލު ކުރުން ލާޒިމް ވިޔަސް، އެ ނިންމުން ތަންފީޒު ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންނެއް ނުވެ އެވެ.
މި މައްސަލައިގައި ރާއްޖޭން ޗައިނާ އަށް ތާއީދުކުރާ ކަމަށް ޗައިނާ އިން ބުނާ އިރު، ރާއްޖޭން އަންނަނީ ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ޗައިނާއާ އެއްކޮޅަށް ދީލާލައިފައިވާ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދެއްވައިފަ އެވެ.