މަހެއް އާދަޔާ ހިލާފު ގޮތަކަށް ހައްޔަރުވެފައި
މަހެއް އާދަޔާ ހިލާފު ގޮތަކަށް ހައްޔަރުވެފައި

އޮސްޓްރޭލިއާގެ ފޮޓޯގްރާފަރަކު ނަގާފައިވާ މި ފޮޓޯ އަކީ ހާލަކުން ފަހަރަކު ނޫނީ އަތު ނުޖެހޭނެ މަންޒަރެކެވެ. ފޮޓޯއިން އެ ފެންނަނީ ފިރުއައުނު މުދާ ނުވަތަ ޖެލީ ފިޝްްއެއްގެ ތެރޭގައި އޮތް ކުޑަކުޑަ މަހެކެވެ. ޖެލީގަނޑެއްގެ ފަދަ މަހުގެ ބަނޑުގައި ކުޑަކުޑަ މަސް އެ އޮތީ ސަލާމަތް ވެވޭނެ ގޮތެއް ނެތި ބޭރަށް ބަލަހައްޓައިގެން ކަމަށް ބެލެވެ އެވެ.

މަހެއް އާދަޔާ ހިލާފު ގޮތަކަށް ހައްޔަރުވެފައި
މަހެއް އާދަޔާ ހިލާފު ގޮތަކަށް ހައްޔަރުވެފައި

މި ފޮޓޯ ނެގި ޓިމް ސެމުއެލް ސީއެންއެން އަށް ބުނެފައި ވަނީ މި ފޮޓޯ ނަގާފައި ވަނީ އޮސްޓްރޭލިއާގެ ބައިރޮން ބޭގެ ޕާސް ބީޗަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ކަމަށެވެ. މި މަންޒަރު ފެނުނު އިރު އުޅުނީ އެކުވެރިޔަކާ އެކު ވެލާގެ ފޮޓޯ ނަގަން ކަމަށާއި މި ނޫނީ އެއްވެސް މަހެއް އެ ހިސާބުން ފެންނަން ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.

މިއީ ވަރަށް ކުޑަކުޑަ އެއްޗެއް ކަމަށާއި އެހެންވެ ފޮޓޯ ނަގަން ފޯކަސް ކުރަން ވަރަށް އުނދަގޫވި ކަމަށް ފޮޓޯގްރާފަރު ބުނެފައިވެ އެވެ. އެ މަސް ދިޔައީ ޖެލީ ފިޝްގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަމުން ކަމަށާއި އެޔަށް ވާ ގޮތެއް ބަލަން 20-30 މިނެޓް ހޭދަކުރުމަށް ފަހު އަޅާނުލީ ގުދުރަތީ ނިޒާމުގައި އެއީ ވެސް ހިނގަންޖެހޭ ކަމަކަށް ވާތީ ކަމަށް ސެމުއެލް ބުނެފައިވެ އެވެ.

ކަނޑުގެ ރީތި މަންޒަރުތައް ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ސެމުއެލް ބުނީ މިއީ އޭނާ އަށް އިއްތިފާގަކުން ފެނުނު މަންޒަރެއް ކަމަށެވެ. މި ފޮޓޯ އިންޓަނެޓުގައި އާންމުވުމާ އެކު ބައެއް މެރިން ބަޔޮލޮޖިސްޓުން ބުނެފައި ވަނީ މިއީ ޖެލީ ފިޝްގެ ޝިކާރައަކަށް ވެފައިވާ މަހެއް ކަމަށް ނުނިންމޭނެ ކަމަށެވެ. ބައެއް ބާވަތުގެ ކުދި މަސް އުފަންވާތާ ކައިރީ ޖެލީ ފިޝްގެ ފައިތަކުން ހިމާޔަތް ހޯދައިގެން ތަންތަނަށް ދަތުރުކުރާ ކަމަށާއި މިއީ އެކަހަލަ މަންޒަރަކަށް ވެދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"އެއީ މުސީބާތަކާ ކުރިމަތިވެގެން އުޅޭ މަހެއް ކަމެއް ނުވަތަ ޖެލީ ފިޝްގެ ފައިތަކުގެ ތެރޭގައި ހިމާޔަތް ހޯދައި އުފަލުން އޮތް އެއްޗެއް ކަމެއް ބުނާކަށް ނޭނގެ،" ސެންޓަ ފޯ މެރިން ސައިންސްގެ މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ އިއާން ޓިބެޓްސް ވިދާޅުވެފައިވެ އެވެ.