23 އޯގަސްޓް 2022 - 11:56

އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް ހުތުރު އަމަލުތައް ބަޔަކު ޕްރޮމޯޓް ކުރަމުންދާ ކަމަށާއި އެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު އަޅައި އަދަބު ނުދޭ ކަމުގެ ކަންބޮޑުވުންތަކާ އެކު، އެ ކުށުގެ އަދަބު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުއްވައިފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގާސިމް އެ އިސްލާހު ހުށަހަޅުއްވާއިރު، ބަންގްލަދޭޝްގެ ފިރިހެނަކާ އެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ތަހުގީގަށް ފަހު ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ގާސިމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމެވީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުން ހިމެނެން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އެ ފާހިޝް އަމަލަކީ ވަރަށް އާދައިގެ ކުށެއްގެ ގޮތުގައި މިހާރު އޮތުމުން އެފަދަ އަމަލުކުރާ މީހުން ތަހުގީގު މަރުހަލާ އިން ފަސޭހަ އިން ދޫވެފައި ތިބޭ ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެއީ އެހެން ބަޔަކާ އެކު އެ ފާހިޝް އަމަލު ހިންގަން ލިބޭނެ ފުރުސަތެކެވެ.
އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ދަރަޖަކޮށްފައި ވަނީ ޖިނާއަތުގެ 5 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. މިއީ ދެ އަހަރަށް ވުރެން ގިނަ ނޫން ޖަލު ހުކުމެކެވެ.
މިއީ ޒިނޭ ފަދަ ފާހިޝް އަމަލެއް ކުރުމުން އިސްލާމީ ޝަރީއަތުގައި އަންގާފައިވާ ޝަރުއީ އަދަބަށް ބަލާއިރު ވަރަށް އާދައިގެ ތައުޒީރީ އަދަބެއް ކަަމަށް ގާސިމް ވިދާޅުވި އެވެ.
އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވެ، މިހާރު ޖަލަށް ލެވޭ އެންމެ ދިގު މުއްދަތަކީ އެއް އަހަރެވެ.
ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ދެ މީހަކު ރުހުމުގައި ކޮށްފައިވާ ނަމަ އަދަބަކީ 5 އަހަރާއި 7 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެ އަމަލު ހިންގީ އެ ތަނުން އެކެއްގެ ނުރުހުމުގައި ކަމުގައިވާ ނަމަ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެކެވެ.
އެއްޖިންސުން ގުޅުން ހިންގި މީހުން ބަންދުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބުނާ ބޮޑު ކުށަކަށް ނުވާތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ ފާޑުވިދާޅުވެފަ އެވެ.
"ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދާ މެދު ފަނޑިޔާރު ގޮތެއް ނިންމުމުގައި ރިއާޔަތްކުރަންވީ ކަންކަމުގެ ތެރޭގައި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ހުތުރުކަންބޮޑު ފާހިޝްއަމަލު ހިންގާ މީހުން މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ،" ގާސިމް ވިދާޅުވި އެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބު ބޮޑުކުރުމުގެ އިސްލާހެއް ހުށަހެޅީ، ގާސިމް ވިދާޅުވި ގޮތުގައި އެ ނުބައި ފާހިޝް އަމަލުކުރާ މީހުންގެ ނުބައިކަމުން ދުރުކޮށް މުޖުތަމައުން އެކަހެރިކޮށް ތިބުން އެއީ އެންމެ އައުލާކަން ބޮޑު ގޮތް ކަމުގައި ދެކެވަޑައިގަންނަވާތީ އެވެ.