23 އޯގަސްޓް 2022 - 10:44

ޓްރީ ޓޮޕް ހޮސްޕިޓަލުގެ، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސެންޓަރުގައި އެ ފަރާތްތަކަށް ފަސޭހައިން ހިދުމަތްތައް ފޯރުކޮށްދޭ ފާމަސީއެއް ހުޅުވައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ތިން ވަނަ ފްލޯގައި ހުންނަ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީގެ ހިދުމަތް ދޭ ސެންޓަރުގައި ފާމަސީއެއް ހުޅުވީ ބަލިމީހުންނަށް ފަސޭހަކަމާ އެކު އެ ހިދުމަތް ވެސް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ފާމަސީގެ ސަބަބުން އެ ސެންޓަރު އިތުރަށް ފުރިހަމަވެފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް އިން ބުނީ ފާމަސީ ހުޅުވި ސެންޓަރުގައި އެ ހިދުމަތުގެ އިތުރުން، ކޮންސަލްޓޭޝަން ރޫމުގެ ހިދުމަތާއި، ހާއްސަ ވައިޓަލްސް ބަލާ ކޮޓަރީގެ ހިދުމަތާއި، ބޭބީ ނާސަރީގެ ހިދުމަތް ދެމުން އަންނަ ކަަމަށެވެ. އަދި ބްރެސްޓް ފީޑު ކުރުމާއި ބޭބީ ޗޭންޗިންގް ކޮޓަރި، އަލްޓްރާސައުންޑު ހިދުމަތް ދޭ ކޮޓަރި އާއި ފޮޓޯތެރަޕީ ޔުނިޓެއް ވެސް އެ ސެންޓަރުގައި ހުންނަ ކަމަށް ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ، އެ ސެންޓަރުގައި އިންޓަ ޔުޓެރިން އިންސެމިނޭޝަން (އައިޔޫއައި) އަދި އިންވީޓްރޯ ފާޓިލައިޒޭޝަން (އައި.ވީ.އެފް)ގެ ހިދުމަތްތައް ވެސް ތައާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓްރީޓޮޕްގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސެންޓަރުގައި އާއިލާތަކަށް ހާއްސަ ބާތު ކެއާ ހިދުމަތްތައް ވެސް ދަނީ ހާއްސަ ޕެކޭޖުތަކެއްގެ ތެރެއިން ފޯރުކޮށްދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ، އެ ޕެކޭޖުތަކަކީ ނޯމަލް ޑެލިވަރީ ސާވިސް އަށް ދޭ ޕެކޭޖާއި، ލޯވާ ސެގްމަންޓް ސިޒޭރިއަން ސެކްޝަން (އެލްއެސްސީއެސް) ނުވަތަ ސިޒޭރިއަންގެ ހިދުމަތް ހިމެނޭ ޕެކޭޖު ކަމަށެވެ.