މަސް ޓޭންކަކުން ހަތަރު މަސް ވަގަށް ނެގުމުން ހަަތަރު މަހަށް ޖަލަށް
މަސް ޓޭންކަކުން ހަތަރު މަސް ވަގަށް ނެގުމުން ހަަތަރު މަހަށް ޖަލަށް

ގދ. ތިނަދޫގައި ގެއެއްގެ ތެރޭ ބަހައްޓާފައި ހުރި މަސް ޓޭންކަކުން ކުޑަކުޑަ ހަތަރު މަސް ވަގަށް ނެގި މީހަކު ހަތަރު މަހާއި އަށް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ދައުވާގައި ބުނެފައިވަނީ ޖުލައި 29، 2021 ގައި ތިނަދޫ ވަދޫރާގޭ މަސް ޓޭންކަކުން ވަގަށް ނަގާފައިވަނީ ތިން އިންޗި ހުންނަ ވަރުގެ ހަތަރު މަސް ކަމަށާއި އެއީ 2 ކެމެޓް، 1 ކާބާއި 1 ގްރާމް ކަމަށެވެ.

މި ތިން މަސް ވަގަށް ނެގި މައްސަލާގައި ދައުވާކޮށްފައިވަނީ އަހްމަދު އާތިރު އަލީ ކިޔާ މީހެއްގެ މައްޗަށެވެ. އޭނާ ވަނީ އިބްތިދާއީ އަޑުއެހުުމުގައި ދައުވާއަށް އިއުތިރާފުވެފަ އެވެ. މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހުށަހެޅި މި ދައުވާއަށް އިއުތިރާފްވުމުން ކުރިއަށް ގެންދިޔައީ އަވަސްނިއާގެ މައްސަލައެއްގެ ގޮތުގަ އެވެ.

ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައިވާ ގޮތުން، ދައުވާ ލިބުނު މީހާ އިއުތިރާފްވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށާއި ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށް ޝަރީއަތުގައި ބުނެފައިވެ އެވެ.

ދައުވާ ލިބުނު މީހާ ވަނީ އަވަހަށް މައްސަލަ ނިންމައިދޭން އެދި ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އެދިފަ އެވެ. އެކަމަކު ދައުލަތުން ވަނީ އޭނާ އަކީ ޖޫރިމަނާ ދެއްކޭނެ ގާބިލްކަން ހުރި މީހެއްކަން ސާބިތުކޮށްދޭން އެދިފަ އެވެ. އަދި ޖޫރިމަނާ ދެއްކޭ ފަދަ މީހެއްކަން ސާބިތުކޮށްދެވޭ ނަމަ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމުގައި އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން މިގޮތަށް އެދުމުން، ދައުވާ ލިބުނު މީހާ ވަނީ އޭނާ އަކީ "ވިލި އުފާ" ކިޔާ ތަނެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމުގެ ލިޔުމެއް ޝަރީއަތަށް ހުށަހަޅައިފަ އެވެ. އެކަމަކު ހުކުމުގައި ބުނެފައިވަނީ އެ ލިޔުމާ ގުޅިގެން ބެލި ބެލުމުން، ދައުވާ ލިބޭ މީހާ އަކީ ޑްރަގް ކޯޓުގެ ހުކުމެއްގެ ދަށުން ގޭބަންދުގައި ހުންނަންޖެހޭ މީހެއްކަން އެނގޭ ކަމަށާއި އެހެންވެ އޭނާ އަކީ ޖޫރިމަނާ ދެއްކޭނެ ހާލަތެއްގައި ހުރި މީހެއް ނޫންކަން އެނގޭ ކަމަށެވެ.

އެހެންވެ، ވައްކަމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރީ އެވެ. އެކަމަކު ތަހުގީގަށް 16 ދުވަހު ބަންދުގައި ހުރި މުއްދަތު އުނިކޮށް، ހުކުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ ހަތަރު މަހާއި އަށް ދުވަސް ކަމަށް ހުކުމުގައިވެ އެވެ.