ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ބޮޑު ހިތްހަމަޖެހުމެއް
ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ބޮޑު ހިތްހަމަޖެހުމެއް

މެންޗެސްޓާ (އޮގަސްޓް 23) - އުނދަގޫ ހާލަތެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލްގެ މަށްޗަށް 2-1 އިން ކާމިޔާބު ހޯދައި ސަޕޯޓަރުންނަށް ހިތްހަމަ ޖެހުމެއް ގެސް ދީފި އެވެ.

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ބޮޑު ހިތްހަމަޖެހުމެއް
ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ބޮޑު ހިތްހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ލިވަޕޫލްގެ މައްޗަށް ހޯދި މޮޅަކީ ހަތަރު އަހަރަށް ފަހު ރަސްމީ މެޗެއްގައި ލިވަޕޫލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. މިގެ ކުރިން ރަސްމީ މެޗެއްގައި ލިވަޕޫލުގެ މައްޗަށް ޔުނައިޓެޑް މޮޅުވީ މާޗު 2018 ގައި ހަމަ މި ނަތީޖާއިންނެވެ. އެއަށް ފަހު މި ދެޓީމު ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗު ލިވަޕޫލުން ކާމިޔާބު ކުރި އިރު ބާކީ ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ބޮޑު ހިތްހަމަޖެހުމެއް
ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ބޮޑު ހިތްހަމަޖެހުމެއް

މިދިޔަ ސީޒަނުގައި ލިވަޕޫލުން ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ދެ މެޗު ކާމިޔާބުކުރީ ފަސޭހަ ކަމާ އެކު ޖުމްލަ ނުވަ ލަނޑު ޖަހައި، ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އެވެ. ޕްރީ ސީޒަންގައި ތައިލެންޑްގައި ކުޅުނު އެގްޒިބިޝަން މެޗުގައި ލިވަޕޫލް މައްޗަށް ޔުނައިޓެޑުން މޮޅުވި އެވެ.

ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ބޮޑު ހިތްހަމަޖެހުމެއް
ލިވަޕޫލް ބަލިކޮށް ޔުނައިޓެޑަށް ބޮޑު ހިތްހަމަޖެހުމެއް

މި މެޗާ އެކު ލިވަޕޫލް ލީގުގައި ބަލިނުވެ ހަމަކުރި 21 މެޗުގެ ރެކޯޑަށް މިވަނީ ނިމުމެއް އައިސްފަ އެވެ. އާ ސީޒަނުގެ ފުރަތަމަ ދެ މެޗު ވެސް ލިވަޕޫލަށް ފުއްދާލަން ޖެހުނީ އެއްވަރު ވެގެންނެވެ. އެންމެ ފަހުން ލީގުގައި ބަލިވީ މިދިޔަ އަހަރުގެ ޑިޗެމްބަރު މަހު ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ހަމަ އެއާ އެކު މިއީ ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު އެރިކް ޓެން ހަގް އާއެކު އެޓީމުން ރަސްމީ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެގެން ޓޭބަލްގެ ފުލުގައި އޮވެ، އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުތް ޔުނައިޓެޑް ޓީމުގެ ކެޕްޓަން ހެރީ މެގުއާގެ ބަދަލުގައި މި މެޗުގައި ޓީމު ލީޑު ކުރީ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ.

މެގުއާ ބެންޗުގައި އިން އިރު، ސެންޓަ ބެކަށް ކުޅުނީ ލިސަންޑްރޯ މާޓިނޭޒް އާއި ރަފޭލް ވަރާން އެވެ. މީގެ އިތުރުން ޑިއޯގޯ ޑަލޮޓް އާއެކު، މި ސީޒަނަށް އަލަށް ގެނައި ޓީރެލް މަލަސިއާ ވެސް ސްޓާޓް ކުރި އެވެ. ލިވަޕޫލުން އަލަށް ގެނައި ފޯވާޑް ޑާވިން ނޫނޭޒް ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުން މި މެޗުގައި އޭނާގެ މަގާމަށް ކުޅުނީ ރޮބާޓޯ ފިރްމީނޯ އެވެ.

ޔުނައިޓެޑުން މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 16 ވަނަ މިނިޓުގައި ޖޭޑަން ސަންޗޯ އެވެ. ސަންޗޯ ވަނީ އެންތަނީ އެލަންގާ ގޯލު ކުރިމައްޗަށް ދިން ބޯޅަ ހޯދައި، ކުރިމަތީ ހުރަސް އަޅަން ހުރި ޖޭމްސް މިލްނާ ކައިރިން ނައްޓައިފަ އެވެ.

ލިވަޕޫލުން ފުރަތަމަ ހާފުގެ ފަހު 10 މިނިޓު ތެރޭގައި ލަނޑެއް ޖަހަން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެއްވެސް ހަމަލާއެއް ގޯލާ އަމާޒެއް ނުކޮށްލެވުނެވެ. އަދި ޔުނައިޓެޑްގެ ޑިފެންޑަރު މާޓިނޭޒް ވަނީ ލިވަޕޫލްގެ ނުރައްކާތެރި އެޓޭކްތައް ދިފާއުކުރުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ޔުނައިޓެޑުން ދެވަނަ ހާފު ފެށީ، ލަނޑު ޖަހަން އެހީވި އެލަންގާގެ ބަދަލުގައި އެންތަނީ މާޝިއަލް ކުޅެން އަރުވައިގެންނެވެ. މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި ސްޕެއިންގެ ސެވިއްޔާއަށް ކުޅުމަށް ފަހު އަލުން ޓީމާ ގުޅި، މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އަރައި މާ ގިނައިރެއް ނުވެ، އޭނާގެ އެހީތެރިކަމާ އެކު ޔުނައިޓެޑުން ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 52 ވަނަ މިނިޓުގައި މާޝިއަލް ހުސްކޮށްލާފައި ދިން ބޯޅައިން ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދިނީ މާކަސް ރަޝްފޯޑެވެ.

ރަޝްފޯޑުގެ ލަނޑު ޖެހުމަށް ފަހު ރެފްރީ އެ ގޯލު ބަލައިގަންނަން ނިންމީ ވީއޭއާރު މެދުވެރިކޮށް އޭނާ އޮފްސައިޑުތޯ ބެލުމަށް ފަހު އެވެ. އޭގެ އިރުކޮޅެއް ފަހުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ރަޝްފޯޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ދިފާއު ކޮށްފަ އެވެ.

ޔުނައިޓެޑްގެ ދެވަނަ ގޯލަށް ފަހު އެޓީމުން ގިނަ ފުރުސަތުތަކެއް ހޯދަން ފެށުމާ އެކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ބަދަލުގައި ފަބީނިއޯ ކުޅެން އަރުވައިފަ އެވެ. މިއާ އެކު އެޓީމުން ކުޅުން ރަނގަޅުކޮށް އެޓޭކް ކުރަން ފެށިއިރު، އެޓީމުން ގެނައި ޒުވާން މިޑްފީލްޑަރު ފަބިއޯ ކާވާލިއޯ ވެސް އަރުވައި އެޓޭކިން އޮޕްޝަންތައް ގިނަކުރަން ފެށި އެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 81 ޗަނަ މިނިޓުގައި ކާވާލިއޯ ފޮނުވާލި ހަމަލާއެއްގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ދިފާއުކުރުމުން ކުޅުމުގެ ތެރެއަށް އައި ބޯޅަ އެއްފަހަރުން ބޮލުން ޖަހައި މުހައްމަދު ސަލާހު އެޓީމަށް ފަރަގު ކުޑަކޮށްދިނެވެ. ނަމަވެސް މެޗުގެ ބާކީ ބައިގައި އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.