ޖެނެޓް ޖެކްސަންގެ ލަވަޔަކުން ލެޕްޓޮޕް ހަލާކުވެދާނެ
ޖެނެޓް ޖެކްސަންގެ ލަވަޔަކުން ލެޕްޓޮޕް ހަލާކުވެދާނެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަންގެ ލަވައެއް ޖެހުމުން ލެޕްޓޮޕްތައް ހަލާކުވެ ކައިރީގައި ހުންނަ އެހެން ލެޕްޓޮޕްތައް ވެސް ހަލާކުވާ މައްސަލަތަކެއް ފެންމަތި ވެއްޖެ އެވެ.

ޖެނެޓްގެ 1989 ވަނަ އަހަރުގެ ހިޓު ލަވަ "ރިދަމް ނޭޝަން" އަކީ ތާރީހީ ލަވައެކެވެ. ތަފާތު ޝަރަފުވެރި އެވޯޑުތައް ހޯދަމުން އައި ލަވަ ވަނީ އެތައް ރެކޯޑެއް މުގުރާފަ އެވެ. މިހާރު އެ ލަވަ ވަނީ އެކި ކަހަލަ ލެޕްޓޮޕްތައް "މުގުރާފަ" އެވެ.

ކޮމްޕިއުޓަ އޮޕަރޭޓިން ސިސްޓަމް، ވިންޑޯސް އުފައްދާ ކުންފުނި މައިކްރޮސޮފްޓުން އާންމުކޮށްފައިވާ ގޮތުގައި ރިދަމް ނޭޝަންގެ މިއުޒިކް ވީޑިއޯއިން އަންނަނީ ލެޕްޓޮޕްތައް ކްރޭޝް ވަމުންނެވެ.

މައިކްރޮސޮފްޓުން ބުނީ ބައެއް ލެޕްޓޮޕްތަކުން އެ ލަވަ ޖެހުމުން ކައިރީގައި ހުންނަ އެހެން ލެޕްޓޮޕްތައް ވެސް ހަލާކުވަމުން ދާ ކަމަށެވެ.

"މި ލަވައިގައި އެބަ ހިމެނޭ ނެޗުރަލް ރެޒޮނެންސް ފްރީކުއެންސީއެއް، މިއީ ވަކި ވައްތަރެއްގެ ލެޕްޓޮޕްތަކުގެ ހާޑް ޑްރައިވްގައި ވެސް ބޭނުންކުރާ ފްރީކުއެންސީ. ނަތީޖާއެއްގެ ގޮތުން ލެޕްޓޮޕް ހަލާކުވަނީ،" މައިކްރޮސޮފްޓުން ބުންޏެވެ.

މި މައްސަލަ ސިފަކޮށްފައިވަނީ އޮޕެރާ ލަވަކިޔުންތެރިންގެ އަޑާ އެއްގޮތަށެވެ. އޮޕެރާ ލަވަކިޔުންތެރިންގެ އަޑުގެ ފްރީކުއެންސީގެ ސަބަބުން ބިއްލޫރި ވެސް ތެޅެ އެވެ.

މައިކްރޮސޮފްޓުން ބުނާ ގޮތުގައި އެ މައްސަލަ އެންމެ ގިނައިން ދިމާވެފައިވަނީ 2005 ވަނަ އަހަރު ޝިޕް ކޮށްފައިވާ ލެޕްޓޮޕްތަކަށެވެ. މި މައްސަލައަކީ އެޗްޑީޑީ ޑްރައިވްތަކަށް ދިމާވާ މައްސަލައެކެވެ. އެހެންވީމާ ފަހުގެ ލެޕްޓޮޕްތަކަށް މި މައްސަ ދިމާވުމުގެ ފުރުސަތެއް ނެތެވެ.

މައިކްރޮސޮފްޓުން ބުނީ އޯޑިއޯގެ މައްސަލަ ހައްލުކުރުމަށް ކަސްޓަމް ފިލްޓާއެއް އުފައްދާފައިވާ ކަމަށެވެ. އެ ފިލްޓާއިން އޯޑިއޯގެ ފްރީކުއެންސީ ކެންސަލް ވާނެ އެވެ.