23 އޯގަސްޓް 2022 - 07:29

މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާ އިން ދެމުން އަންނަ ފިލްމުފެއާ އެވޯޑަށް ބޮލީވުޑްގެ ތަރި، ކަންގަނާ ރަނައުތުގެ ފިލްމު، "ތަލައިވީ" ނޮމިނޭޓްވުމުން ކަންގަނާ ހިތްހަމަނުޖެހިއްޖެ އެވެ.

މިމަހުގެ ފަހުކޮޅު ބާއްވަން އުޅޭ އެ އެވޯޑް ހަފްލާއާ ގުޅިގެން ކަންގަނާ އޭނާގެ އިންސްޓަގްރާމު ސްޓޯރީގައި އާންމުކުރި ޕޯސްޓުގައި ބުނީ، ފިލްމުފެއާ އަކީ އަންއެތިކަލް، ކޮރަޕްޓް އަދި އެހާ ނާއިންސާފުން އަމަލުކުރާ ބަޔަކަށްވާތީ 2014 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ އެ މީހުން ބޮއިކޮޓްކޮށްފައި ކަަމަށެވެ.
އެކަމަކު އެމީހުންގެ އެވޯޑް ހަފްލާގައި މިއަހަރު ބައިވެރިވުމަށް އެެދި އެތައް ކޯލެއް ލިބެމުން އަންނަ ކަމަށާއި މިއަހަރުގެ އެވޯޑް ހަފްލާއަށް އޭނާ ހާޒިރުކުރަން އުޅެނީ އޭނާގެ ފިލްމު، "ތަލައިވީ" އަށް އެވޯޑް ދޭން ކަމަށް ކަންގަނާ ބުންޏެެވެ.
ފިލްމުފެއާ އިން އޭނާ ނޮމިނޭޓްކުރުމުން ހައިރާންވާ ކަމަށާއި އެކަމަކު އެހާ ކޮރަޕްޓް ބަޔަކާ އެކު މަސައްކަތްކުރުން އޭނާގެ އެތިކްސްއާ ހިލާފު ކަމަށް ކަންގަނާ ބުންޏެވެ.
ކަންގަނާގެ އެ ޕޯސްޓުގައި ވަނީ ފިލްމުފެއާއާ ދެކޮޅަށް ދައުވާކުރަން ނިންމި ކަމަށް ވެސް ބުނެފަ އެވެ.
ކަންގަނާގެ އެ އިންޒާރާ ގުޅިގެން ފިލްމުފެއާ އިން ނެރުނު ބަޔާނެއްގައި ބުނީ އެތައް ޒަމާނެއް ކުރިއްސުރެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހުނަރު ފާހަގަކުރުމަށް އެހާ ދެފުށް ފެންނަ ގޮތަކަށް ދެމުން އަންނަ އެވޯޑާ ގުޅިގެން ކަންގަނާ އެގޮތަށް ދެކޭތީ ހިތާމަކުރާ ކަމަށެވެ.
އާންމުންގެ ލޯތްބާއި އިހުތިރާމު އެ އެވޯޑަށް ލިބުނީ ވަރުގަދަ އެތިކްސްގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ފިލްމުފެއާގެ އެގްޒެކެޓިވް އެޑިޓަރު ވަނީ އަންހެނުންގެ ކެޓަގަރީން ބެސްޓް އެކްޓާ އިން ލީޑިން ރޯލަށް ކަންގަނާ ނޮމިނޭޓްވެފައިވާކަން އޭނާއަށް އަންގާފައި ކަމަށާއި ދައުވަތު ފޮނުވުމަށް އޭނާގެ އެޑްރެސް ފޮނުވުމަށް ވެސް އެދިފައި ކަމަށް ބަޔާނުގައި ބުންޏެވެ.
ކަންގަނާއަށް ފޮނުވި މެެސެޖް ވެސް ވަނީ އެ ބަޔާނާ އެކު އާންމުކޮށްފަ އެވެ. ނޮމިނޭޓްވުމުން ކަންގަނާއަށް މަރުހަބާ ކިޔާފައިވާ އެ މެސެޖުގައި ވަނީ މިމަހުގެ 30 ގައި މުމްބާއީގައި އޮންނަ ހަފްލާގައި ބައިވެރިވުމަށް އެދިފަ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކަންގަނާ އެވޯޑު ލިބޭނެ ކަމަށް އަންގައިފައެއް ނުވެ އެވެ. އެ އިވެންޓުގައި ޕާފޯމްކުރަންޖެހޭނެ ކަމަށް ވެސް ބުނެފައެއް ނުވެ އެވެ. އެެހެންވެ، ކަންގަނާ ދެއްކި ވާހަކަތައް ފިލްމުފެއާ އިން ދޮގުކުރެ އެވެ.
އެ މީހުން މަސައްކަތްކުރީ އެ ހަފްލާއަށް ތަރިން އެއްތަނަކަށް ގެނެސް އެ އުފަލުގައި ބައިވެރިކުރުމަށް ކަމަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
ކަންގަނާއަކީ ފަސް ފަހަރެއްގެ މަތިން ފިލްމުފެއާ އެވޯޑު ހާސިލުކުރި ތަރިއެކެވެ. އޭނާ އަށް 2014 އާއި 2015 ގައި އެވޯޑު ލިބުނަސް ހަފްލާއަށް ހާޒިރުވެފައެއް ނުވެ އެވެ.
ކަންގަނާގެ ތުހުމަތުތަކާ ގުޅިގެން ފިލްމުފެއާ އިން ވަނީ ނޮމިނޭޝަން ލިސްޓުން އޭނާގެ ފިލްމު އުނިކޮށްފަ އެވެ. އަދި އެ މީހުންގެ އަބުރު ނަގާލި ކަމަށް ބުނެ އެކަމާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފިލްމުފެއާ އިން ވެސް ދީފައިވެ އެވެ.