22 އޯގަސްޓް 2022 - 14:24

ބީއެމްއެލް އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ޑެބިޑް ކާޑު ރާއްޖޭން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ހަމައެކަނި ބޭނުންކުރެވޭ ގޮތަށް ފުރަތަމަ ނެރުނު އެމެކްސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން 3،000 ޑޮލަރާ ހަމައަށް އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް މިހާރު ބޭނުން ކުރެވޭނެ އެވެ.
ބީއެމްއެލް ގެ އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ އެމެރިކަން އެކްސްޕްރެސްއާ އެކު ބީއެމްއެލް އިން ހަދާފައިވާ ގިނަ ދުވަސްވީ ޕާޓްނާޝިޕްގެ އެހީގައި މިހާރު ބޭންކުން ދޫކުރާ ޑެބިޓް ކާޑު އިތުރަށް ފުޅާކޮށް ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ހުރިހާ މާޗަންޓުން މެދުވެރިކޮށް ހިދުމަތް ލިބޭނެ ކަމަށެވެ.
"މި ކާޑު ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާއިރު މިގެނެވުނު ބަދަލުން ވެސް ރާއްޖޭގައި ކާޑު ދޫކުރުމުގައި ބީއެމްއެލް އިން އަދާކުރަމުންދާ އިސް ދައުރު ދައްކުވައިދޭ." އޭނާ ވިދާޅުވި އެވެ.
އެމެރިކަން އެކްސްޕްރެސްގެ އިންޑިޔާ އެންޑް ސައުތު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ވައިސް ޕްރެސިޑެންޓް، ޑިވްޔާ ޖައިން ވިދާޅުވީ ދެކުނު އޭޝިއާގައި ބީއެމްއެލް އަކީ އެމެރިކަން އެކްސްޕްރެސް އަށް މުހިންމު ޕާޓްނަރެއް ކަމަށެވެ.
"ރާއްޖޭން ބޭރުގައި އެމެކްސް ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ގެނެވުނު ބަދަލަކީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކާޑު މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަރަދު ކުރާ ގޮތަށް ބެލުމަށްފަހު އިތުރު ލުއި ފަސޭހަކަމެއް ހޯދައިދިނުމަށް ގެނެވުނު މުހިންމު ބަދަލެއް،" އޭނާ ވިދާޅުވި އެވެ.
އެމެކްސް ޑެބިޑް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓެއް ކަނޑައެޅުމަށް އިންޓާނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އެދި ހުށަހެޅޭނެ އެވެ. އަދި އަލަށް ކާޑަށް އެދި ހުށަހަޅަން ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.