22 އޯގަސްޓް 2022 - 14:46

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ، ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާތީ އެ ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ އަހުމަދު ނިމާލް ޖުނައިދުއާ ޖޭއެސްސީން ހަވާލުކުރައްވައިފި އެވެ.
އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އިޒްމިރާ ޝިހާމް ވިދާޅުވީ ސިވިލް ކޯޓުގެ އިސް ގާޒީ ރިޓަޔާކުރައްވާތީ މަސައްކަތްތައް ހޭންޑްއޯވާ ކުރުމަށް 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޯޓު ވަގުތީ ގޮތުން ހިންގުން ގާޒީ ނިމާލްއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގާޒީ ނިމާލް އެ ކޯޓަށް އައްޔަންކުރެއްވީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއަކީ ފަނޑިޔާރު ކަމުގައި 36 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ.