22 އޯގަސްޓް 2022 - 12:00

ބަންގްލާދޭޝް ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އޭނާ އާއި އިތުރު ތިން މީހަކަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާކޮށްފި އެވެ.

އަލަމްގީރުގެ އިތުރުން ދެން ދައުވާކުރީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުގެ މައްޗަށެވެ. މީގެ ތެރެއިން އަލަމްގީރުގެ މައްޗަށް ތިން ދައުވާއެއް ކޮށްފައި ވާއިރު އަނެއް ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކުރަނީ އެންމެ ދައުވާއެކެވެ.
ޕީޖީ އޮފީހުން ބުނީ މި ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެހެން މައްސަލަތަކުގައި ހާމަކުރާ ގޮތަށް މި މައްސަލާގައި ދައުވާކުރީ ކޮން ގާނޫނެއްގެ ދަށުން ކަމެއް ނުބުނެ އެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނުލް އުގޫބާތުގެ ދަށުންނާއި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ވެސް އަދަބު ލިބޭ ކުށެކެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާކޮށްފި ނަމަ ސާބިތުކުރަން ދަތިވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނަމަ ފަސޭހައިން ކުށް ސާބިތުވެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ވެސް އަންނާނެ އެވެ.
އާލަމްގީރާ އެކު އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. ފުލުހުން މިހާރު ވެސް ދަނީ ވީޑިއޯތަކުން ފެންނަ އެތައް ބައެއްގެ މައްސަލަ ތަހުގީގުކުރަމުންނެވެ.