22 އޯގަސްޓް 2022 - 09:30

މާލޭގައި ފިހާރަޔަކުން ވައްކަންކޮށް އެތަނުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެ ތިން މަހާއި ނުވަ ދުވަހަށް ޖަލަށް ލާން އިއްޔެ ހުކުމްކޮށްފި އެވެ.
މުހައްމަދު އިއުޖާޒް ހަލީމް ކިޔާ މީހެއްގެ މައްޗަށް މި ހުކުމް އައީ ޗާންދަނީ މަގުގައި ހުންނަ "ކޮމްޝޮޕް" ފިހާރަޔަށް ސެޕްޓެމްބަރު 13، 2018 ގައި މެންދަމުން އަލިވެ 2 ޖަހާ އެހާއިރު ވަދެފައިވާ މައްސަލައިގަ އެވެ.
ވައްކަމާއި އަލިފާން ރޯކޮށްލި މައްސަލަ މި ގަޒިއްޔާއަކުން ނުބަލަ އެވެ. މި ދައުވާތައް ކުރި ކަމެއް ޔަގީނެއް ނޫނެވެ.
ހުކުމުގައިވާ ގޮތުން ފިހާރައިން ވައްކަންކޮށްފައިވާކަން އެނގުނީ އެތަނުގައި ރޯވެގެން، މެންދަމުން އަލިވެ 3:20 ގައި ރިޕޯޓްކުރުމުން އެތަނަށް ގޮސް ބެލި ބެލުމުންނެވެ. ފިހާރާގައި މާބޮޑަށް ރޯނުވަނީސް ނިއްވާލާފައި ވިޔަސް މުދަލާއި ތަނަށް މި ހާދިސާގައި ގެއްލުން ވެފައިވެ އެވެ. އަދި ފިހާރައިގެ ސީސީޓީވީ ފުޓޭޖް ބެލުމުން މުހައްމަދު އިއުޖާޒް ފިހާރަޔަށް ވަދެގެން އުޅޭތަން ފެނެ އެވެ. އަދި އޭނާ ފަހުން ހައްޔަރުކޮށް އޭނާ އުޅޭތަން ފާސްކުރުމުން ވަނީ ފިހާރައިން ގެއްލުނު ފޯނާއި އެހެން ބައެއް ތަކެތި އެތަނުން ފެނިފަ އެވެ.
މުހައްމަދު އިއުޖާޒް ދައުވާއަށް އިންކާރުކޮށް، އޭނާގެ ގެއިން ފެނުނު ތަކެއްޗަކީ މަގުމަތިން ފެނުނު އެއްޗިއްސާއި ގަނެގެން ގެންގުޅޭ އެއްޗެހި ކަމަށް ބުނެފައިވެ އެވެ. އެކަމަކު ދައުލަތުން ހުށަހެޅި ހެކިން ޝައްކެއް ނެތް މިންވަރަށް މުހައްމަދު އިއުޖާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އަދަބެއްގެ ގޮތުން އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެެވެ.
ނަމަވެސް އޭނާ އެއް މަހާއި 15 ދުވަހު ބަންދުގައި ހުރުމުން އެ މުއްދަތު ހުކުމް އުނިކޮށް، ހުކުމުން ތަންފީޒުކުރަން ޖެހެނީ ތިން މަހާއި ނުވަ ދުވަހެވެ.