ލެވަންޑޯސްކީ ނެތަސް ބެޔާންގެ ގޯލް ޖެހުން ނުހުއްޓޭ
ލެވަންޑޯސްކީ ނެތަސް ބެޔާންގެ ގޯލް ޖެހުން ނުހުއްޓޭ

ބޯކަމް، ޖަރުމަން (އޮގަސްޓް 22) - ޖަރުމަން ބުންޑެސްލިގާގެ ޗެމްޕިއަން ބެޔާން މިއުނިކުން ރޭ ރަށުން ބޭރުގައި ބޯކަމް އާ ދެކޮޅަށް ކުޅުނު މެޗު 7-0 އިން ކާމިޔާބުކޮށްފި އެވެ.

ލެވަންޑޯސްކީ ނެތަސް ބެޔާންގެ ގޯލް ޖެހުން ނުހުއްޓޭ
ލެވަންޑޯސްކީ ނެތަސް ބެޔާންގެ ގޯލް ޖެހުން ނުހުއްޓޭ

މިދިޔަ ސީޒަނުގައި ބޯކަމް އާ ދެކޮޅަށް ބެޔާން ފުރަތަމަ ކުޅުނީ އަމިއްލަ ދަނޑުގަ އެވެ. އެމެޗު ހަމަ މި ނަތީޖާއިން ބެޔާން ކާމިޔާބު ކުރި ނަމަވެސް، ފަހުން ރަށުން ބޭރުގައި ކުޅުނު މެޗުން ބެޔާން ވަނީ ބަލިވެފަ އެވެ.

ބެޔާން އިން ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައި ވާއިރު، ޖުމްލަ 15 ލަނޑު ޖަހާފައި ވެއެވެ. މި ތިން މެޗުގައި ބެޔާންގެ ތަފާތު ނުވަ ކުޅުންތެރިއެއް ވަނީ ލަނޑު ލިސްޓުން ޖާގަ ހޯދައިފަ އެވެ.

މެޗަށް ފަހު ބެޔާންގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނީ، އެއްވެސް ލިމިޓެއް ކަނޑައެޅުމެއް ނެތި ޓީމުން އަންނަނީ ތަފާތު ކުޅުމެއް ދައްކައި މޮޅު ނަތީޖާ ނެރެން މަސައްކަތް ކުރަމުންނެވެ.

"މިވަގުތު ޓީމުން ފެންނަން ހުރި ހަކަތަ، މިދިޔަ ސީޒަނުގައި ނުފެނުނު. މިހާރު އެކަން އެނގުމުން ވަރަށް ހިތްހަމަ ޖެހޭ. ދެވަނަ ހާފުގައި ވެސް އަހަރެމެން ބެލީ ކުޅުންތެރިން ލައްވައި ވަރުގަދައަށް ކުޅެގެން މެޗު ނިންމަން،" ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަޖެހިފައި ހުރި ނާގެލްސްމަން ބުންޏެވެ.

"ހުރިހާ ކުޅުންތެރިން ވެސް ތަފާތު މޮޅަށް ކުޅުނު. އަންނަ ހަފްތާ ބަންދުގެ މެޗަށް ޓީމެއް ނެގުން އެއީ ފަސޭހަ ކަމަކަށް ވެސް ނުވާނެ."

ބެޔާންގެ ފޯވާޑްލައިނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ރޮބާޓް ލެވަންޑޯސްކީގެ ބަދަލުގައި ލިވަޕޫލުން ގެނައި ސެނެގާލް ގައުމީ ޓީމުގެ ކެޕްޓަން ސަޑިއޯ މާނޭ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އަދި އެއް ލަނޑު އިދިކޮޅު ޓީމު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަދެފައި ވާއިރު، ބާކީ ހަތަރު ލަނޑު ޖެހީ ތަފާތު ހަތަރު ކުލުންތެރިންނެވެ.

މެޗުގެ ހަތަރު ވަނަ މިނިޓުގައި ބެޔާން އަށް ލީޑު ނަގައިދިނީ ލީރޮއީ ސާނޭ އެވެ. އޭގެ ފަހުން ޔޯޝުއާ ކިިމިކް ނަގައިދިން ކޯނަރެއްގައި، ޔުވެންޓަސް އަށް 67 މިލިއަން ޔޫރޯ ފީފައި ގެނައި ޑިފެންޑަރު މެތިއުސް ޑިލިޓް ވަނީ ބެޔާންގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ލަނޑު ޖަހައިފަ އެވެ. ތިން ވަނަ ލަނޑު ކިންގްސްލޭ ކޯމަން ޖަހައިދިން އިރު، އޭނާގެ އެހީތެރިކަމާ އެކު މާނޭ ވަނީ މި ހާފް ނިމުމުގެ ކުރިން ބެޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފު ވެސް ފެށީ މާނޭގެ ލަނޑަކުންނެވެ. މާނޭ މި ލަނޑު ޖެހީ ކޯމަން އަށް ފައުލް ކޮށްގެން އެޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. މިއީ ބެޔާން އަށް ބަދަލުވެ، މާނޭ މިހާތަނަށް ކުޅުނު ހަތަރު މެޗުން ޖެހި ހަތަރު ވަނަ ލަނޑެވެ.

މާނޭގެ ލަނޑަށް ފަހު އަލަށް ގެނައި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެން ކުޅެމުން ދިޔަ ބެޔާންގެ ހަ ވަނަ ލަނޑަކީ، ކިމިކް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އަދި ފަހުން މާނޭގެ ބަދަލުގައި ކުޅެން އެރުވި އެޓީމުގެ އެކަޑަމީ ގްރެޖުއޭޓް، ކްރޮއޭޝިއާގެ 18 އަހަރުގެ މިޑްފީލްޑަރު ގެބްރިއެލް ވިޑޮވިޗްގެ އެހީތެރިކަމާ އެކު ފަހު ލަނޑު ޖަހައިދިނީ ސާޖް ގްނަބްރީ އެވެ.