22 އޯގަސްޓް 2022 - 09:53

ކުޅުންތެރިންނަށް މުސާރަ ނުދެވޭ ހާލަތަކަށް މާޒިޔާ ވެއްޓުނަނުދެއްވާނެ ކަމުގެ ޔަގީންކަން އެ ކްލަބުގެ ޗެއާމަން އަހުމަދު ސާޖިދު ދެއްވައިފި އެވެ.

ފުރަތަމަ ޑިވިޝަންގައި މާޒިޔާއިން ވާދަކުރަން ފެށި ފަހުން އެ ޓީމުން އަންނަނީ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ ހަރުދަނާ ސަގާފަތެއް ދަމަހައްޓަމުންނެވެ. ވޭތުވެދިޔަ 16 އަހަރުގައި ބަރާބަރަށް މުސާރަ ދިން ދެ ވަނަ ކްލަބެއް މާޒިޔާ ނޫނީ ރާއްޖޭގައި ނެތެވެ.
ރޭ އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދުމާ ގުޅިގެން މީޑިއާ އާ ވާހަކަ ދައްކަމުން އަހުމަދު ވިދާޅުވީ ކުޅުންތެރިންނަށް މުސާރަ ނުދެވޭ ހާލަތެއް އަތުވެއްޖަނަމަ މާޒިޔާ ނޯންނާނެ ކަމަށެވެ.
"މާޒިޔާއިން މުސާރަ ނުދެވޭ ހާލަތަކަށް އައިސްފިއްޔާ ކްލަބެއް ނޯންނާނެ،" ބަރާބަރަށް މުސާރަ ދީގެން ރާއްޖޭގެ ފުޓްބޯޅަ އަށް މާޒިޔާ މި ކޮށްދޭ ހިދުމަތާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން މާޒިޔާ ޓްރޭޑިން ކޮމްޕެނީގެ ޗެއާމަންކަން ވެސް ކުރައްވާ އަހުމަދު ވިދާޅުވި އެވެ.
"މި ކްލަބް ދަރަނިވެރިވެގެން (އެ ވާހަކަ) ނޫހަކަށް އިރާދަ ކުރެއްވިއްޔާ ނާރާނެ."
ރޭ ކްލަބް ވެލެންސިއާ ބަލިކޮށް ހޯދި އެފްއޭ ކަޕުގެ ތައްޓަކީ މި ސީޒަނުގައި މާޒިޔާގެ ތިންވަނަ ތައްޓެވެ. އޭގެ ކުރިން އެ ޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގު އަދި ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.
މިއަހަރު ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބަށް ފަހު އޭރު ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒު (މޯހަން) މަގާމުން ވަކި ކުރުމަށް ފަހު ދިވެހި ލީގަށް މާޒިޔާއިން ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ ސާބިއާގެ މިއޮޑްރަގް ޖެސިޗެވެ. މިދިޔަ ސީޒަންގެ ކުރީ ކޮޅު މާޒިޔާގެ ކޯޗަކަށް ހުރީ މުހައްމަދު ނިޒާމް އެވެ. އޭނާ ދޫކޮށްލުމަށް ފަހު މާޒިޔާއިން މިދިޔަ އަހަރު ޓީމު ހަވާލު ކުރީ ސާބިއާގެ އެހެން ކޯޗެއް ކަމަށްވާ ރިސްޓޯ ވިޑަކޮވިޗް އާ އެވެ.
އަހުމަދު ވިދާޅުވި ގޮތުގައި މާޒިޔާ އަކީ ތައްޓަށް ވާދަކުރާ ޓީމެއް ކަމަށް ވުމުން ކޯޗުން ބަދަލު ވަނީ ވެސް އެ ޓާގެޓަށް ވާސިލުވުމަށެވެ.
"މީގައި އަސްލު މާޒިޔާ ވިސްނަނީ ކާމިޔާބަށް ކޯޗުންނަކަށް ނޫން. އެހެންވީމާ މާޒިޔާ އަށް ކާމިޔާބު ލިބުމުގައި އެއީ ދިވެހި ކޯޗެއް ފޮނުވާލާފަ ބޭރު ކޯޗެއް ގެންނަން ވިއަސް ނުވަތަ ބޭރު ކޯޗެއް ފޮނުވާލާފަ ދިވެހި ކޯޗެއް ނަގަން ވިއަސް އަޅުގަނޑުމެން މަސައްކަތް ކުރަނީ ހަމަ ތައްޓަށް،" އަހުމަދު ވިދާޅުވި އެވެ.